ވައިޓް ހައުސްގައި ހޯމަ ދުވަހު ބޭއްވި "މެޑަލް އޮފް އޮނަރ" ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކަރުގެ ކަނާތްފަރާތުން ރަތްވެފައިވާ ނިޝާންތަކެއް ފެނުމުން އޭނާގެ ސިއްހަތާ މެދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯތަކުން ފެންނަ ގޮތުގައި، ޓްރަމްޕްގެ ގަމީހުގެ ކޮލަރުގެ މަތިން ފެށިގެން ކަންފަތާ ހަމައަށް ހަމުގެ ކުލަ ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ސަރަހައްދުގެ ހަންގަނޑު ހުރީ ކުރަކިވެ، ބައެއް ތަންތަނުން ފާރުގަނޑެއްހެން ނިޝާންތައް ފެންނާށެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްގެ ޑޮކްޓަރު، ޑރ. ޝޯން ބާބަބެލާ ވަނީ ރަސްމީ ބަޔާނެއް ނެރުއްވާފައެވެ. ޑޮކްޓަރު ވިދާޅުވީ، އެއީ ޓްރަމްޕްގެ ހަމުގެ ބައްޔަކަށް ފަރުވާކުރުމަށްޓަކައި ބޭނުންކުރާ "ކްރީމް" އެއްގެ ސަބަބުން ވީގޮތެއް ކަމަށެވެ. އަދި އެއީ ހަފުތާއެއްހާ ދުވަހަށް ކުރިއަށްގެންދާ ފަރުވާއެއް ކަމަށާއި، އެ ރަތްކަން ދުވަސްކޮޅަކަށް ހުންނާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ކަރުގެ ނިޝާނުގެ އިތުރުން، ޓްރަމްޕްގެ އަތުން ފެންނަ ނޫފައިގަނެފައިވާ ނިޝާންތަކާ މެދު ވެސް ބައެއް މީހުން ސުވާލު އުފެއްދިއެވެ. ނަމަވެސް މީގެ ކުރިން ވެސް ހާމަކޮށްފައިވާ ގޮތުގައި، އެއީ ޓްރަމްޕް ބޭނުންކުރައްވާ "އެސްޕިރިން" ބޭހުގެ ސަބަބުން ލޭ ތުނިވެ، ފަސޭހައިން ހަށިގަނޑުން ނޫފައިގަންނަ ގޮތް ވާތީ ފެންނަ ނިޝާންތަކެކެވެ.

ސޯޝަލް މީޑިއާގައި މިކަމާ މެދު ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް، ވައިޓް ހައުސްއިން ބުނަނީ ޓްރަމްޕްގެ ސިއްހަތު ރަނގަޅު ކަމަށާއި އެއީ ހަމައެކަނި ހަމުގެ ފަރުވާއަކުން ފެންނަ އަސަރުތަކެއް ކަމަށެވެ.