ބ. ގޮއިދޫގައި ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ މައްސަލަ ދެނެގަތުމަށްޓަކައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން ހާއްސަ ދިރާސާއެއް ފަށައިފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވީ، ގޮއިދޫގައި ބަލިތައް ގިނަވާ ސަބަބުތައް ހޯދުމަށް އެމްއެފްޑީއޭ އިން މިހާރު ޓެސްޓުތައް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ ބަލަން ފަށާފައި މިވަނީ، އެ ރަށުގެ ދަނޑުވެރިކަމުގައި އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް "ޕެސްޓިސައިޑްސް" އާއި ކެމިކަލް ބޭނުންކުރާ ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރުމާ ގުޅިގެންނެވެ.

ގޮއިދޫއިން އާންމުވި މައުލޫމާތުތަކަށް ބަލާއިރު، 500 އެއްހާ މީހުން އުޅޭ އެ ރަށުން ފާއިތުވި ފަސް އަހަރު ތެރޭގައި ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު ވަނީ މަރުވެފައެވެ. ގިނަ ދަނޑުތައް ބިދޭސީން ބަލަހައްޓަމުންދާއިރު، ގަވާއިދާ ހިލާފަށް ކެމިކަލް ބޭނުންކުރުމުގެ ސަބަބުން ކާނާ ތަޣައްޔަރުވަމުންދާ ކަމަށް އާންމުން ބުނެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އޮތް ނަމަވެސް، އެކަން ތަންފީޒުކުރާނެ ޕޮލިސީތައް ހެދުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ޕޮލިސީތައް ތަންފީޒުކޮށް، ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.