ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ބުޅާ ފެސިލިޓީގައި ވެޓެރިނަރީ ކުލިނިކުގެ ހިދުމަތް ފަށައި، ބުޅާ އާލާވުން ހުއްޓުވުމަށް ކުރާ ސާޖަރީތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ފެސިލިޓީގައި ހުންނަ ކުލިނިކުން މިހާތަނަށް 60 ފިރިހެން ބުޅާ ނިއުޓާކޮށް، 5 އަންހެން ބުޅާ ސްޕޭކޮށްފައިވާ ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބުޅާ އާލާވުން ކޮންޓްރޯލް ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ފެސިލިޓީ ހުޅުވި ފަހުން މިހާތަނަށް ޖުމްލަ 352 ބުޅާ ވަނީ އެތަނަށް ގެންގޮސްފައެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މާލޭގެ މަގުމަތިން އިތުރު ބުޅާތައް ނަގައިގެން ފެސިލިޓީއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

ފަރުކޮޅުފުށީ ބުޅާ ފެސިލިޓީއަށް ބުޅާ ގެންދިއުން ލަސްވާ ކަމަށް ބުނެ އާންމުންނާއި މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުން ބުނަނީ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. މި ފެސިލިޓީގައި ބުޅަލަކަށް މަހަކު ގާތްގަނޑަކަށް 368 ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.