އީރާނުގެ ދެކުނުގެ ސަރަހައްދަކަށް މިއަދު 4.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމުގެ މަރުކަޒަކީ އީރާނުގެ ފާރިސް ޕްރޮވިންސުގެ ގެރާޝް ސަރަހައްދެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ބިންހެލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މިއީ އީރާނުން ކުރި ނިއުކްލިއާ ޓެސްޓެއް ކަމަށް ބުނެ އަޑު ފަތުރާފައެވެ. ނަމަވެސް، ބައިނަލްއަގުވާމީ ސައިންސްވެރިންނާއި ބިންހެލުންތައް ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މިއީ ގުދުރަތީ ބިންހެލުމެކެވެ. ނިއުކްލިއާ ޓެސްޓަކުން އުފެދޭނެ ފަދަ އެއްވެސް ސިގްނަލެއް ނުވަތަ ރޭޑިއޭޝަނެއް މި ބިންހެލުމުގެ ތެރެއިން ފެނިފައެއް ނުވެއެވެ.

އީރާނުގެ ފާރިސް ޕްރޮވިންސަކީ އާންމުކޮށް ވެސް ކުދި ބިންހެލުންތައް އަންނަ ސަރަހައްދަކަށް ވާއިރު، މި ބިންހެލުން އައިސްފައިވަނީ އެ ސަރަހައްދުގެ މަޝްހޫރު ފޯލްޓް ލައިނަކަށެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އެކި ކަހަލަ ދޮގު މައުލޫމާތުތައް ފެތުރެމުންދާތީ، ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.