އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ރާޖޫރީ ޑިސްޓްރިކްޓުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ނަން ޖަހާފައިވާ ބޯޓެއްގެ ބައްޓަމަށް އޮތް ފުއްޕާހަމެއް ފެނިގެން ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
މި ފުއްޕާހަން ފެނިފައިވަނީ ރާޖޫރީގެ ޓެރްޔާތު ޕޮލިސް ޕޯސްޓްގެ ސަރަހައްދުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ސަރަހައްދުގެ އާންމު ރައްޔިތުންނަށް އެ ފެނިގެން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ ރަތާއި ހުދު ކުލައިގެ މި ފުއްޕާހަމުގައި އިނގިރޭސި ބަހުންނާއި އުރުދޫ ބަހުން ލިޔުންތަކެއް ހުރި ކަމަށެވެ. އަދި މި ފުއްޕާހަން ބަލައި ފާސްކުރި އިރު، އޭގައި އެއްވެސް ކަހަލަ އިލެކްޓްރޯނިކް ސާމާނެއް ނުވަތަ ގޮވާ އެއްޗެއް ފަދަ ނުރައްކާތެރި އެއްޗެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ބޯޑަރު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި މިފަދަ އެއްޗެއް ފެނުމުން އެކަން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް އޮފީހުން ބުންޏެވެ.
މި ފުއްޕާހަން އައީ ކޮންތާކުންތޯ އާއި މީގެ ބޭނުމަކީ ކޮބައިތޯ ބެލުމަށް ފުލުހުން މިހާރު ދަނީ އިތުރު ތަހުގީގުތައް ކުރަމުންނެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މީގެ ކުރިންވެސް ބޯޑަރު ހުރަސްކޮށް މިފަދަ ފުއްޕާހަންތައް އިންޑިއާގެ ސަރަހައްދުތަކަށް ވެއްޓިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކުން މިހާރު ތިބީ ވައިޓް އެލާޓް ގައެވެ.
