މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުގައިވާ ގޮތުން މި މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 1.9 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 29.3 ޕަސަންޓު އިތުރުވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުގެ ގޮތުގައެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 39.4 ޕަސަންޓު އިތުރުވެފައިވާކަން ރިޕޯޓުން ފާހަގަކުރެވެއެވެ. ޓޫރިސްޓުން ރާއްޖެއަށް އަންނަ މިންވަރު އިތުރުވުމަކީ އާމްދަނީ މަތިވުމަށް ދިމާވި މުހިންމު ސަބަބެކެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ހަރަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 9.6 ޕަސަންޓު އިތުރުވެފައެވެ. މިއީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ގެނައި ބަދަލުތަކާ ގުޅިގެން އިތުރުވި އަދަދެކެވެ. ދައުލަތުގެ މާލީ ހިސާބުތައް އާންމުކުރުން ލަސްވީ އެކައުންޓިން ނިޒާމަށް ގެނައި ބަދަލުތަކާއި ޒަކާތު ފަންޑަށް ވަކި އެކައުންޓެއް ހުޅުވުން ފަދަ އިދާރީ މަސައްކަތްތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީގެ އޮފީހުން ބުންޏެވެ.