ރެއާލްމެޑްރިޑަށް ކުޅެމުން އަންނަ ބުރެޒިލްގެ ރޮޑްރިގޯއަށް ވޯލްޑްކަޕް ކުޅުމުގެ ފުރުޞަތު ގެއްލިއްޖެއެވެ.
ރެއާލް އަދި ބުރެޒިލް ގައުމީޓީމުގެ އަރިމައްޗަށް ކުޅޭ ރޮޑްރީގޯއަށް ވޯލްޑުކަޕް ކުޅުމުގެ ފުރުޞަތު ގެއްލުނީ ކަކުލަށް ލިބުނު ސީރިޔަސް އަނިޔާއަކާ ގުޅިގެންނެވެ. އުމުރުން 25 އަހަރުގެ ރޮޑްރީގޯއަށް އަނިޔާވީ ރެއާލް އެންމެފަހުން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި ރެއާލް ބަލިވިއިރު، އަނިޔާގެ ސަބަބުން މެޗުގެ ވަކި ހިސާބަކުން ރޮޑްރީގޯވަނީ ބަދަލުކޮށްފައެވެ.
ރެއާލްއިން ނެރުނު ބަޔާނެއްގައި ވާގޮތުން ރޮޑްރީގޯގެ ކަކުލުގެ އޭސީއެލްވަނީ ވީދައިގެން ދިޔުމުގެ އިތުރުން ކަނާތު ކަކުލުގެ މެނިސްކަސްއަށްވެސް ގެއްލުންވެފައެވެ. އާންމުކޮށް އޭސީއެލްއަށް އަނިޔާވެއްޖެނަމަ، ރަނގަޅުވާން ވަރަށް ގިނަ ދުވަސްނަގާނެއެވެ. އޭގެ ސަބަބުން ގިނަ ފަހަރު ކުޅުންތެރިން މުޅި ސީޒަން އެ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތްކުރަންޖެހެއެވެ.
ރޮޑްރީގޯއަށް މިލިބުނު އަނިޔާއާއެކު މި ޖޫންމަހު އެމެރިކާ އާއި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށްދާ ބުރެޒިލް ޓީމު އެކުލަވާލުމުގައި އެޓީމުގެ ކޯޗު އެންޗެލޯޓީއަށް މިވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.
