އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސްޕޭނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފިއެވެ. ޖަރުމަނުގެ ޗާންސަލަރު ފްރިޑްރިކް މާޒް އާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސްޕޭނާއެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެ ގައުމާއެކު ކުރާ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލުމަށް ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް މިހާރު އަންގާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި މައްސަލަ ހޫނުވީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި، ސްޕޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ނުދިނުމާ ގުޅިގެންނެވެ. ސްޕޭނުގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، އެ ބޭސްތަކަކީ ސްޕޭނުގެ ސިޔާދަތީ ބާރު ހިނގާ ތަންތަން ކަމަށާއި، އދ. ގެ އުސޫލުތަކާ ހިލާފު ހަމަލާތަކަށް އެ ތަންތަން ބޭނުންކުރަން ހުއްދަ ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން ނޭޓޯގެ ދިފާއީ ހަރަދު އިތުރުކުރުމަށް އެމެރިކާއިން ކުރާ ޑިމާންޑްތަކަށް ސްޕޭނުން އިޖާބަ ނުދޭތީވެސް ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޓްރަމްޕްގެ މި އިންޒާރާއެކު ސްޕޭނަށް އެމްބާގޯއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ނަމަވެސް ސްޕޭނަކީ އީޔޫގެ މެންބަރު ގައުމަކަށް ވާތީ، އެމެރިކާއިން އެކަނި ނިންމާ މިފަދަ ނިންމުމެއްގެ ސަބަބުން އިންޓަނޭޝަނަލް ވިޔަފާރީގެ ގަވާއިދުތަކާ ހިލާފުވުމުގެ ފުރުސަތު އޮތްކަން މާހިރުން ފާހަގަކުރެއެވެ. މިހާތަނަށް މި ނިންމުމަށް އަމަލުކުރަން ފަށާފައި ނުވި ނަމަވެސް، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ ނިޝާނެކެވެ.