މިއަހަރު ޖޫންމަހު އެމެރިކާ އަދި މެކްސިކޯގައި އޮންނަ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގައި އީރާން ބައިވެރިވިޔަސް ނުވިޔަސް ފަރުވާލެއް ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މިހާރު އެމެރިކާއާއި އިޒްރޭލުން އިސްނަގައިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެކަމުގެ ހިޔަނި އެޅި ވޯލްޑްކަޕްގައި އީރާން ފެނިދާނެތޯ ޕޮލިޓިކޯ ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ބުނީ "އަހަރެން އެކަމާ އެއްވެސް ފަރުވާލެއް ނެތް. އަހަރެން ގަބޫލުކުރާ ގޮތުގައި އީރާން މިހާރުވެސް ވަނީ ބަލިވެފައި. އެމީހުން މިހާރުވެސް އަލިފާނުން އަނދަނީ" ކަމަށެވެ.
އަންނަ ޖޫންމަހު 11 އިން 19 ޖުލައިއަށް ކުރިޔަށްދާ ވޯލްޑްކަޕްގެ އެއްބައި ކުރިޔަށްދާނީ އެމެރިކާގައެވެ. މީގެކުރިން އީރާން ހިމެނޭހެން ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ނުވަދެވޭގޮތަށް ޓްރަމްޕް ނިންމުމާ ގުޅިގެން ވޯލްޑްކަޕާ ގުޅުންހުރި ހަރަކާތަށް އެމެރިކާއަށް ދާން އުޅުނު އީރާނުގެ އޮފިޝަލުންތަކަކަށް އެގައުމަށް ނުދެވުމުން އެކަމުގެ ކަންބޮޑުވުންވެސް އީރާނުންވަނީ އުފުލާފައެވެ. އެކަމާ ގުޅިގެން އެމެރިކާއިން ހާމަކުރިގޮތުގައި އީރާނުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެ ނުވެވުނަސް، ވޯލްޑްކަޕުގައި ބައިވެރިވާ ޓީމު އެކަމުން އިސްތިސްނާވާނެކަމަށެވެ.
