ކޮޕަޑެލްރޭގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ބާސެލޯނާ އަތުން ބަލިވިނަމަވެސް، އެގްރިގޭޓުން ކުރި ހޯދައި އެޓްލެޓިކޯ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މިމެޗަށް ނުކުތްއިރުވެސް، ބާސެލޯނާއަށް ކުރިޔަށް ދެވެންއޮތީ މަދުވެގެން 5 ގޯލުގެ ތަފާތުން މޮޅުވެގެންނެވެ. ސަބަބަކީ ސެމީފައިނަލުގެ ފުރަތަމަލެގުގައި އެޓްލެޓިކޯ ދަނޑުގައި ކުޅެވުނު މެޗު 4-0 އިން އެޓްލެޓިކޯ ކާމިޔާބުކޮށްފައިވުމުންނެވެ. އެހެންކަމުން ހީކުރިގޮތަށް އެޓްލެޓިކޯއިން މެޗު ފެށީވެސް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އެކަމުގެ ފައިދާ ނަގައި ބާސާއިން ދިޔައީ އަވަސްއަވަހަށް ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް އެޓީމަށް އިތުރު ހުރަހެއް ދިމާވީ މެޗުގެ ފުރަތަމަ 15 މިނެޓުތެރޭ އެޓީމުގެ ކުންޑޭއަށް އަނިޔާވެ ބާލަންޖެހުމެވެ.
ބާސާގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ ނެގި ކޯނަރަކުން ޔަމާލް އުފެއްދި ހަމަލާއެއްގައި މާކް ބާނަލްއެވެ. ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން ރަފީނިއާ ޖެހި ލަނޑެކެވެ. 72 ވަނަ މިނެޓުގައި ކެންސެލޯ ނަގައިދިން ހުރަހަކުން މާކް ބާނަލް އިތުރު ލަނޑެއްޖަހައި 3-0 އަށް ލީޑު ފުޅާކުރިނަމަވެސް އިތުރު ލަނޑެއް ބާސާއަށް ޖެހޭގޮތެއްނުވިއެވެ. ބާސާއިން ފުލުފުލުގައި އުފެއްދި ހަމަލާތައް ހުޝިޔާރުކަމާއެކު އެޓްލެޓިކޯގެ ކީޕަރު ދިޔައީ ދިފާޢުކުރަމުންނެވެ.
މި ނަތީޖާއާއެކު އެގްރިގޭޓުން 4-3 ގެ ނަތީޖާއިން ބާސެލޯނާ ކަޓުވާލައި ކޮޕަޑެލްރޭގެ ފައިނަލަށް އެޓްލެޓިކޯ މިވަނީ ދަތުރުކޮށްފައެވެ. ކޮޕަޑެލްރޭ 30 ފަހަރު ކާމިޔާބުކޮށްފައިވާ ބާސާއަށް މިއީ ހިތްދަތި ނަތީޖާއެކެވެ. އަނެއްކޮޅުން 2013 ވަނަ އަހަރުގެ ފަހުން ޑިއޭގޯ ސިމިއޯނީގެ އެޓްލެޓިކޯ މެޑްރިޑް އެމުބާރާތުގެ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.
ފައިނަލުގައި ދެން ވާދަކުރާ ޓީމެއް އެނގޭނީ ދެވަނަ ސެމީގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރާ މެޗުންނެވެ.
