މިއަންނަ ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް ފެށެން ބާކީ އޮތީ އެންމެ 100 ދުވަހެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ހުރިހާ ގައުމަކުންވެސް އެންމެ ކުޅެލަން ބޭނުންވާ މުބާރާތަށް މި މުބާރާތްވާއިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ވަރަށް ގިނަ ކަންކަން ވެގެންދާނެ މުބާރާތަކަށެވެ.
އެންމެފުރަތަމަ، މި މުބާރާތަކީ މުޅިން އަލަށް ތިން ގައުމެއްގައި ބޭއްވޭ ވޯލްޑްކަޕެވެ. މިފަހަރުގެ މުބާރާތް ބާއްވާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. އަދި މިއީ 48 ޓީމު މި މުބާރާތުގައި ވާދަކުރާ ފަހަރެވެ. އަދި ހަމައެއާއެކު މިމުބާރާތް ވެގެންދާނީ ބައެއް މަންޒަރުތައް ބަލާލަން ލިބޭނޭ އެންމެ ފަހު ފުރުޞަތަށެވެ. އެގޮތުން މިއީ ދުނިޔެދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެފަހު ވޯލްޑްކަޕެވެ. އަދި ބެލްޖިއަމްގެ ގޯލްޑެން ޖެނެރޭޝަންގެ ވެސް އެންމެފަހު ފެނިލުމެވެ.
މުބާރާތް ބާއްވާ އެއްގައުމު، އެމެރިކާއިން އަމާޒު ހިފާފައިހުރީ އެންމެ ކުޑަމިނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އެޓީމުގެ ކޯޗުކަމާ މީގެ ދެއަހަރުކުރިން މައުރީޝިއޯ ޕޮޗެޓީނޯ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އޭނާ ބުނެފައިވަނީ އޭނާގެ އަމާޒަކީ އެމެރިކާ ކުއާޓާގައި ކުޅުންކަމަށެވެ. އޭގެ ފަހުން އެބުނުމުގައި އޭނާ އަންނަނީ އަދިވެސް ހިފަހައްޓަމުންނެވެ.
ކުލަބު ފުޓްބޯޅައިގައި ކާމިޔާބު ހޯދާފައިވާ މަޝްހޫރު ކޯޗުންތަކެއްވެސް މިފަހަރު ގައުމީ ޓީމުތައް ގޮވައިގެން ނުކުންނާނެއެވެ. އެގޮތުން އެމެރިކާއާއެކު މައުރީޝިއޯ ޕޮޗެޓީނޯ ނުކުންނައިރު، ބުރެޒިލްގެ ކޯޗަކީ ކާލޯ އެންޗެލޮޓީއެވެ. އަދި އިންގްލެންޑާއެކު ތޯމަސް ޓުޝެލް ނުކުންނަނީ ތަށި އިނގިރޭސިވިލާތަށް ގެންދިޔުމުގެ އަޒުމުގައެވެ.
