އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީ އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން، އައިއާރުޖީސީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ހުސައިން ތާއިބް އިޒްރޭލުގެ މޮސާޑަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި އަޑުތައް ބުނާ ގޮތުގައި، ޚާމަނޭއީ އާއި އިސް އޮފިޝަލުން ބޭއްވި ބައްދަލުވުމުގެ މައުލޫމާތު އިޒްރޭލަށް ލީކުކޮށްލީ ތާއިބްއެވެ. މި ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ބަލިވެގެން ކަމަށް ބުނެ އޭނާ އެ ބައްދަލުވުން ދޫކޮށް ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތުހުމަތުތަކާ ގުޅިގެން އައިއާރުޖީސީން ތާއިބް ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން ނުވަތަ ބައިނަލްއަގުވާމީ މީޑިއާއަކުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ތާއިބަކީ މީގެ ކުރިންވެސް އިޒްރޭލުގެ ޖާސޫސީ ހަރަކާތްތައް ހުއްޓުވުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ބުނެ 2022 ވަނަ އަހަރު މަގާމުން ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭނާ ހައްޔަރުކުރި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނެތް އަޑުތަކެއް ކަމަށް ބައެއް މާހިރުން ދަނީ ބުނަމުންނެވެ.

ޚާމަނޭއީ އަވަހާރަކޮށްލުމަށްފަހު އީރާނުގެ ސަރުކާރުގެ ތެރޭގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ސަލާމަތީ ބާރުތަކުގެ ތެރޭގައި އިޒްރޭލުގެ ޖާސޫސުން ތިބެދާނެ ކަމުގެ ބިރަށް ގިނަ ބަޔަކު ހައްޔަރުކޮށް ސުވާލުކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ހޯމް މިނިސްޓްރީން ބުނީ ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.