ސްޓެލްކޯގެ ސަބްސްޓޭޝަން އިމާރާތްތަކުގެ ފާރުތަކާއި، ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތަކުގައި ހަރުކޮށްފައިވާ އިންޒާރުގެ ބޯޑުތަކުގެ މަތީގައި ޕޯސްޓަރާއި ސްޓިކާ ހަރުނުކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ހިދުމަތްދޭ އިމާރާތްތަކާއި ފޮށިތަކުގެ ބޭރުގައި އެކި ފަރާތްތަކުން ތަކެތި ތަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، ސަބްސްޓޭޝަން އިމާރާތްތަކުގެ ބޭރުގައި ހަރުކޮށްފައިވާ ނުރައްކަލުގެ އިންޒާރު ދޭ ބޯޑުތަކުގެ މަތީގައި ސްޓިކާ އަދި ޕޯސްޓަރު ތަތްކުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަމާއެކު ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށްވެސް އޮފީހުން ބުންޏެވެ.
އެހެންކަމުން، ކުންފުނީގެ އެއްވެސް އިމާރާތެއްގެ ފާރުގައި ނުވަތަ ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި ޕޯސްޓަރާއި ސްޓިކާގެ އިތުރުން އެއްވެސް އެއްޗެއް ތަތްނުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހާލަތްތައް މެދުވެރިވުމުގެ ފުރުސަތު އޮތްކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
