ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން ކުރިއަށްގެންދާ "ރޯދަ ކުއެސްޓް" މިރޭ ދިރާގު ހެޑް އޮފީހުގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މިރޭން ފެށިގެން 8 މާރިޗުގެ ނިޔަލަށް، ފަސް ދުވަހުގެ މުއްދަތައް މި ހަރަކާތް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މި ފޯރިގަދަ ހަރަކާތުގައި މަގުބޫލު އެކި ގޭމުތައް ވަނީ ހިމަނައިފައެވެ.  މިއީ ހުރިހާ ފެންވަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. "ރޯދަ ކުއެސްޓް" ކޮންމެ ރެއަކުވެސް ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ކުރިއަށްދާނެއެވެ.

"ރޯދަ ކުއެސްޓް"ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އެމް.އެލް.ބީ.ބީ، ޕަބްޖީ މޮބައިލް، އެފް.ސީ.26 އަދި ޓެކެން 8ގެ ރަޖިސްޓްރޭޝަން މިހާރު ނިމިފައި ވީނަމަވެސް، 6 މާރިޗުން ފެށިގެން ކުރިއަށްދާނެ ޖީ.ޓީ.7 ރޭސިންގް ސިމިއުލޭޓަރ އަދި ބީޓް ސޭބަރ ސެޝަންތަކުގައި ކުރިން ރަޖިސްޓްރީވުމަކާ ނުލައި، ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި، ގޭމިންގްއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން ވެސް މި ހަރަކާތްތަކުގައި ބައިވެރިވެ، ކޮންމެ ރެއަކުވެސް ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ދިރާގުން ދައުވަތު އަރުވައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ޑީ.ޖީ.ޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.