ބ. ފުޅަދޫގެ އާންމު ސަރަހައްދުތަކުގައި އިސްލާމްދީނާއި ރާއްޖޭގެ އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، ބިކިނީ ފަދަ ކުރު ހެދުން އަޅައިގެން އުޅޭ ފަތުރުވެރިންގެ މައްސަލައިގައި އެ ރަށު ކައުންސިލުން ވަރުގަދަ އިންޒާރެއް ދީފިއެވެ. ފުޅަދޫ ކައުންސިލުން ނިންމާފައިވަނީ މިފަދަ މިންގަނޑުތަކާ ހިލާފަށް އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާކުރުމަށެވެ.

ފުޅަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރަށުގެ އާންމު ސަރަހައްދުތަކުގައި ފަތުރުވެރިން މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އެދެވޭ ނަތީޖާއެއް ނުލިބި މިކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ 142 ވަނަ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ، ދީނީ އަދި އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ފަތުރުވެރިން ތިބޭ ގެސްޓްހައުސްތައް ބަލައި، ކޮންމެ ފަހަރަކު އެ ތަންތަން 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. މި ނިންމުމަށް އަމަލުކުރަން ފަށާނީ އިއުލާން އާންމުކުރާ ވަގުތުން ފެށިގެން ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށުގައި ފަތުރުވެރިން އާންމު ތަންތަނުގައި ބިކިނީގައި އުޅޭ މައްސަލައަކީ ވަރަށް ގިނައިން ފެންމަތިވާ މައްސަލައެކެވެ. ފުޅަދޫ ކައުންސިލުން މި އެޅި ފިޔަވަޅަކީ ރަށުގެ އަދަބުތަކާއި ސަގާފަތް ހިމާޔަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.