މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ 23 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ނިންމައި، އެ ތަންތަން އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ސައުދީ ފަންޑާއި ސަރުކާރު ބަޖެޓުގެ އެހީގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ހަ ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް އޮޕަރޭޝަނަށް ގެނެވިފައިވާއިރު، އިތުރު ނުވަ ރަށެއްގެ އަމަލީ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އޭގެ ތެރޭގައި ލ. މާބައިދޫ، ލ. މާވަށް، ލ. ހިތަދޫ، މ. ވޭވަށް، ޅ. ނައިފަރު، ށ. ކޮމަންޑޫ، މ. މުލައް، ދ. ހުޅުދެލި އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.
މީގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި ގދ. ރަތަފަންދޫ، އއ. ރަސްދޫ، ހއ. ދިއްދޫ، ގއ. ދާންދޫ އަދި ކ. ގާފަރުގައި އައިސްޕްލާންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރު ބަޖެޓުން ގއ. ނިލަންދޫ، ގއ. ވިލިނގިލި އަދި ގއ. މާމެންދޫގައި ކުރިއަށްދާ މަޝްރޫއުތަކާއެކު، ޖުމްލަ 23 ރަށެއްގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މި އައިސްޕްލާންޓުތައް އޮޕަރޭޝަނަށް ގެނައުމުން މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތަކާއި އުފުލަންޖެހޭ ތަކްލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އައިސްޕްލާންޓްތަކުގެ އިތުރުން، ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި މަހަށް އިތުރު އަގު ހޯދައިދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
