އަމިއްލަ ގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާގެ އިންތިޒާމުތައް ހަމަނުޖެހި މަގުމަތިވި 28 މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެމީހުން ފުރުވާލުމުގެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން، ހާލުގައި ޖެހުނު މީހުންގެ އެދުމުގެ މަތިން ހައްޖު ކޯޕަރޭޝަނުން ވަނީ ޖާގަ އޮތް މިންވަރުން 28 މީހަކަށް ވިސާ ހޯދައިދީފައެވެ. މީގެ އިތުރުން މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި ދަތުރުފަތުރުގެ ހުރިހާ އިންތިޒާމެއް އެ ކޯޕަރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ. މިއަދު ހެނދުނު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އުމްރާގެ އަޅުކަމަށް ފުރާފައެވެ.

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު މީހުން މަގުމަތިކުރާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވަމުން އަންނައިރު، އިސްލާމިކް މިނިސްޓްރީން ދަނީ އެފަދަ ގްރޫޕުތަކާ މެދު ފިޔަވަޅު އަޅަމުންނެވެ. ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، މިފަދަ ދަތި ހާލަތްތަކުގައި އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް އިސްކަންދޭ ކަމެކެވެ.