ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ކުރެ އެކެއްގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަނެއް ފަރާތަށް ސަރުކާރުގެ ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކޮށް، އެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭ އާ އުސޫލު މިހާރު ގެޒެޓްކޮށްފައިވާއިރު، މި މަހުގެ 8 ވާ އާދިއްތަ ދުވަހު ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެއެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ. ރައީސް ވިދާޅުވެފައިވަނީ، ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތުމަކީ އަނެއް ފަރާތަށް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވާންޖެހޭ ސަބަބަކަށް ވެގެންނުވާނެ ކަމަށެވެ. މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ދެމަފިރިން ކުރެ މީހެއްގެ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް އޮންނަނަމަ އަނެއް މީހާއަށް ގޯއްޗަށް ކުރިމަތިލުމުގައި ހުރަސްތަކެއް ހުއްޓެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މިހާރުވެސް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހުރިހާ މަޝްރޫއުތަކެއް ނިންމައި، ހައްގުވެރިންނާ ތަންތަން ހަވާލުކުރުމެވެ.