މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ރާއްޖެއިން ނުފުރިފައި ތިބި ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވުމަށްޓަކައި ހާއްސަ "ރެސްކިއު" ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މަސްރަހު ގޯސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަން އޮތް 53 ޝެޑިއުލް ފްލައިޓްގެ ތެރެއިން 18 ފްލައިޓެއް ކެންސަލްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ދުބާއީ، އަބޫދާބީ، ދޯހާ، ޝާރްޖާ އަދި ބަހްރޭނުން އަންނަން ހުރި ފްލައިޓްތައް ހިމެނެއެވެ. މިކަމުގެ ސަބަބުން 379 ފަތުރުވެރިން ރާއްޖެއިން ނުފުރިފައި ތިބިއިރު، އޭގެ ތެރެއިން 110 މީހަކަށް ސަރުކާރުން ވަނީ އެއާޕޯޓުގައި ހާއްސަ ފެސިލިޓީއެއް ތައްޔާރުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ހާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުގައި ހުޅުވާލާފައިވާ ހާއްސަ ކޮރިޑޯތަކެއް މެދުވެރިކޮށް ލިމިޓެޑް އޮޕަރޭޝަންތަކެއް މިހާރު ދަނީ ހިންގަމުންނެވެ. އެގޮތުން ރޭވެސް އެމިރޭޓްސްގެ ރެސްކިއު ފްލައިޓެއް ރާއްޖެއަށް އައިސްފައިވާ ކަމަށާއި، މިއަދުވެސް އިތުރު ފްލައިޓެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަޑުމަޑުން ހާލަތު ރަނގަޅުވަމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، އެހެން ސަރަހައްދުތަކުން ފަތުރުވެރިން ގެނައުން އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
