ރާއްޖެއަށް ޑޮލަރުގެ ދަތިކަމެއް ނެތް ކަމަށާއި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު މިއަހަރުގެ ތެރޭގައި ފުއްދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
މިހާރު ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށް ދޫކުރަނީ 500 ޑޮލަރެވެ. ނަމަވެސް ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ، ޑޮލަރު މާރުކުރުމުގެ ގަވާއިދު ރަނގަޅަށް ތަންފީޒު ކުރެވޭނަމަ މިއަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ކޮންމެ މީހަކަށް 1000 ޑޮލަރު ލިބޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ވިދާޅުވި ގޮތަށް ބީއެމްއެލް މެދުވެރިކޮށް އެ އިންތިޒާމުތައް ހަމަޖެހެމުންދާ ކަމަށާއި ކަނޑައެޅިފައިވާ ތާރީހަށް އެކަން ވާނެ ކަމަށެވެ. އަދި މި ރޯދަ މަސް ތެރޭގައި މުދާ އެތެރެކުރާ ފަރާތްތަކަށް 15.42 ގެ ރޭޓުން ހަފްތާއަކު 1.2 މިލިއަން ޑޮލަރު ދޫކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރު ތައާރަފުކުރި ބޭރު ފައިސާގެ އާ ގާނޫނާ އެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަޅު ބާޒާރަށް ބަރޯސާވުން ހުއްޓުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
