މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އާ ހަތް ރިސޯޓެއް ހުޅުވައި، ޓޫރިޒަމް މާކެޓަށް އިތުރު އެއްހާސް އެނދު ގެނައުމަށް ތައްޔާރުވެއްޖެ އެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބުރާހިމް އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަލަށް ހުޅުވޭ މި ރިސޯޓުތަކަކީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކޮށް، ގައުމުގެ އިގުތިސާދު ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެކެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޓޫރިޒަމްގެ ބޭނުމަށް މިހާތަނަށް ޖުމުލަ 31 ތަނެއް ވަނީ ކުއްޔަށް ދޫކޮށްފަ އެވެ. މިކަމުގެ ތަފުސީލުތައް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި ކްލޯޒް ބިޑިންގެ ދަށުން ދޫކުރި 16 ތަނަކާއި، ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރި 11 ތަނެއްގެ އިތުރުން އޯޕަން ބިޑިންގެ ތެރެއިން ދޫކުރި ހަތަރު ތަނެއް ހިމެނޭ ކަމަށެވެ.

ޓޫރިޒަމްގެ މަންފާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން، ރިސޯޓުތައް މަދު އަތޮޅުތަކުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އިންވެސްޓަރުންނަށް ހާއްސަ ލުއިތަކެއް ދީފަ އެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 179 ރިސޯޓާއި 914 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން 170 ސަފާރީ އުޅަނދާއި 16 ޓޫރިސްޓް ހޮޓާ ހިމެނޭހެން، ޖުމުލަ 67،047 އެނދު މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އުއްމީދުކުރަނީ އަލަށް ހުޅުވޭ ރިސޯޓުތަކާއެކު މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.