އިނގިރޭސި ޕްރިމިއަރލީގުގައި ނިއުކާސަލް ޔުނައިޓެޑާ މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗު ނިއުކާސަލް ކާމިޔާބުކޮށްފިއެވެ.
ނިއުކާސަލް މިމެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފައިގެން ގިނަ ހަމަލާ އުފެއްދީ ނިއުކާސަލް ޔުނައިޓެޑުންނެވެ. ލަނޑެއް ނުޖެހި އެއްވަރުވެގެން ފުރަތަމަ ހާފު ނިމެންދަނިކޮށް، އިތުރު ވަގުތުގައި ނިއުކާސަލް ޔުނައިޓެޑުގެ ޖޭކޮބް ރަމްސީއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދެއްކިއެވެ. އެއީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާތެރެއިން ޑައިވްއެއްކުރިކަމަށް ނިންމާފައެވެ. ނަމަވެސް އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ޔުނައިޓެޑުގެ ބުރޫނޯ ފެނާންޑޭސް ކުރި ފައުލަކަށް ނިއުކާސަލްއަށް ލިބުނު ޕެނަލްޓީ އެންތޮނީ ގޯޑަން ގޯލު ތެރެއަށް ފޮނުވާލައިގެން ލީޑު ނެގިއެވެ. އޭގެ އިރުކޮޅެއްފަހުން ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކަސެމީރޯ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފުގައިވެސް ނިއުކާސަލްއިން ފަހަތަށް ޖެހިގެން ކުޅުމުގެ ބަދަލުގައި ފެނިގެންދިޔައީ އެޓޭކިން ފުޓުބޯޅައެއް ކުޅުނު މަންޒަރެވެ. އޭގެ ބަދަލުގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނިއުކާސަލް ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ނަގައިގެން ލަނޑެއް ޖެހޭތޯ މަސައްކަތްކުރިއެވެ. ބުރޫނޯ ފެނާންޑޭސް އުފައްދަމުން ދިޔަ ހަމަލާތައް އެޓީމުގެ ފޯވާޑުންނަށް ނިންމާލެވޭގޮތެއްނުވިއެވެ. ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފައްދާ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އަމާޒުކުރިނަމަވެސް، އެ ހުރިހާ ހަމަލާތަކެއް ކުރިން އާސެނަލްގެ ކީޕަރ، ރަމްސްޑޭލް ދިފާއުކުރިއެވެ. ނިއުކާސަލްއިން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ޖެހީ ޓްރިޕިއަރ ދިން ބޯޅައަކުން ބަދަލަކަށް ކުޅެންއެރި ވިލިއަމް އޮސޫލާއެވެ.
މި ނަތީޖާއާއެކު ކެރިކްއާއެކު ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ނިމުމަކަށް އައީއެވެ. ކެރިކް ކޯޗުކަމާ ހަވާލުވިފަހުން މިއީ ބަލިވި ފުރަތަމަ މެޗެވެ. ޔުނައިޓެޑު ބަލިވިނަމަވެސް، އެޓީމު އަދިވެސް އޮތީ ތާވަލުގެ ތިންވަނާގައެވެ. އެއީ އެސްޓަންވިލާ ކުޅުނު މެޗު ޗެލްސީ ކައިރިން ބަލިވުމާގުޅިގެންނެވެ.
