ނިއުޒިލެންޑުގެ އަންހެނެއްގެ ނޭފަތުގައި 37 އަހަރުވަންދެން ތާށިވެފައި އިން ކުޅޭ އެއްޗެއް ނަގައިފިއެވެ. މޭރީ މެކާރތީ ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ މި އަންހެން މީހާގެ ނޭފަތުގައި އެއްޗެއް ތާށިވެފައި އިންކަން އިނގުނީ ކޮވިޑް19 އަށް ޓެސްޓުކުރަން ނޭފަތަށް ސާމްޕަލް ނަގާ ކަފަކޮޅު ކޮއްޕާލުމުންނެވެ.
އެގައުމުގެ ހޮސްޕިޓަލެއްގެ ބަދިގޭގައި މަސައްކަތްކުރާ މި އަންހެންމީހާ ބުނާ ގޮތުގައި އޭނާ ކުޑައިރުއްސުރެ ނޭވައިލާން އުނދަގޫވި ކަމަށާއި ނޭފަތަށް ފާޑެއްގެ ތަދެއްވެސް ވާކަމަށެވެ. ނަމަވެސް އޭނާގެ ބެލެވިވެރިން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނުމުން އޭނާވެސް އެކަމާ އަޅާނުލާ ހުރީކަމަށްވެސް އޭނާ ބުނެއެވެ. އޭގެ ފަހުން ދުވަސްތަކަކަށް ފަހު އެ އުނދަގޫތަކަށް މީހާ ހޭނުނުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް މީގެ ދެތިން އަހަރު ކުރިން އެ އުނދަގޫތައް ބޮޑުވުމާއި ގުޅިގެން ގިނަ ޑަކްޓަރުންނަށް ވަނީ ދައްކާފައެވެ. ހުރިހާ ޑަކްޓަރުންވެސް ބުނާގޮތުގައި ނޭފަތުގެ އެއްފަޅި އިންނަނީ ކުޑަވެފައެވެ. އެހެންވެ ފަސޭހައިން ސައިނަސް ވަނީކަމަށް ޑަކްޓަރުން ބުނެއެވެ.
އޭނާގެ ސާމްޕަލް ނަގަން އުޅުނު ނަރުސްކުއްޖާގެ ލަފާގެ މަތިން އޭނާ ވަނީ ޑަކްޓަރަކަށް ދައްކާފައެވެ. ނަމަވެސް އެއްވެސް އެކްސްރޭ އަކުންވެސް އެ ކުޅޭ އެތިކޮޅު އިންނަކަމަކަށް ނުދައްކައެވެ. ނަމަވެސް މިފަހަރު އޭނާ ބެލި ޑަކްޓަރު ޔަގީންކަމާއި އެކު އެތިކޮޅެއް އިންކަމަށް ވަނީ ބުނެފައެވެ. 2 ގަޑި އިރެއްހާއިރުގެ އޮޕަރޭޝަނަކަށްފަހު މެކާރތީގެ ނޭފަތުން އެ ކުޅޭ އެތިކޮޅު ނެގި އިރު އެއީ ކޮންކަހަލަ ކުޅޭ އެތިކޮޅެއްކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ޕްލާސްޓިކު އެތިކޮޅެއްކަމަށް އޭނާ ބެކި ޑަކްޓަރުން މައުލޫމާތުދެއެވެ. ގިނަދުވަސްވުމުގެ ސަބަބުން އޭގައިވަނީ މަސްހިފާ ނޭފަތުގެ މަސްގަނޑުގެ ތެރެއަށް ވަދެ ފޮރުވިފައެވެ. އޮޕަރޭޝަންގައި އެހާގިނައިރު ވީވެސް އެހެންވެ ކަމަށް ޑަކްޓަރުން ބުންޏެވެ.
މެކާރތީގެ ހާލު މިހާރު މުޅިން ރަނގަޅެވެ. އޭނާގެ ނަސޭހަތަކީ ކުޑަކުދިން ކުޅެން އުޅޭ އިރު، އެފަދަ ކުދި ކުދި އެެއްޗެހި ކުދިންގެ އަތަށް ނުދިނުމެވެ. އަދި އެކުދިންގެ ކިތަންމެ ކުޑަ ޝަކުވާއެއް ނަމަވެސް އަޅާނުލާ ނުހުރުމަށާއި، އިސްކަމެއް ދީގެން އެކުދިންނަށް ވާ އުނދަގޫތަކަށް ފަރުވާހޯދައިދެވޭތޯ ބެލުމަށްވެސް އޭނާވަނީ ނަހޭހަތްތެރިވެފައެވެ.
