އިނގިރޭސި ޕްރިމިއަރލީގުގެ ތާވަލުގެ ހަތަރުވަނާގައި އޮތް އެސްޓަންވިލާ ކައިރިން ފަސޭހަކަމާއެކު ޗެލްސީ މޮޅުވެ، ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
އެސްޓަންވިލާގެ އަމިއްލަ ދަނޑު، ވިލާ ޕާކްގައި ކުޅުނު މިމެޗު ޗެލްސީއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗު ފެށިތާ ދެވަނަ މިނެޓުތެރޭ އެސްޓަންވިލާއިންވަނީ ލީޑުނަގާ ޗެލްސީ ސިއްސުވާލާފައެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ ބެއިލީ ދިން ބޯޅައަކުން ޑަގްލަސް ލުއިޒްއެވެ.
ޗެލްސީ ފަހަތުން އަރައި އެސްޓަންވިލާގެ މައްޗަށް ކުރި ހޯދީ ޖާއޯ ޕެޑްރޯގެ ހެޓްރިކަކާއި ކޯލް ޕާމާގެ ލަނޑުތަކުންނެވެ. ކޯލް ޕާމާގެ ލަނޑަކީވެސް ޕެޑްރޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހިލަނޑެކެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެސްޓަންވިލާއިން ދެވަނަ ފަހަރަށް ލީޑު ނެގިނަމަވެސް، ވަޓްކިންސް ޖެހި ލަނޑު ވީ.އޭ.އާރު ބެލުމަށްފަހު އެއީ ލަނޑެއް ނޫންކަމަށްވަނީ ނިންމާފައެވެ.
ޗެލްސީގެ މި މޮޅާއެކު، އެޓީމު ކުޅުނު 29 މެޗުން ލިބުނު 48 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް މިވަނީ ޖެހިލާފައެވެ. އަދި އެސްޓަންވިލާ ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނުއިރު، އެޓީމު ހަތަރުވަނާގައި އޮތީ 51 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑާ އެއްވަރުވެ، ގޯލުގެ ތަފާތުންނެވެ.
