އިނގިރޭސި ޕްރިމިއަރލީގު ހޯދުމަށް އާސެނަލް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުން ހޯދިއިރު، ފަރަގު ކުޑަކުރަން ލިބުނު ފުރުޞަތު މެންޗެސްޓަރ ސިޓީން ނަގާލައިފިއެވެ.

އާސެނަލްއާ ބްރައިޓަން ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ޓިމްބަރ ފަހިކޮށްދިން ފުރުސަތެއްގައި އެލަނޑު ޖަހައިދިނީ ދާދިފަހުން ކޮންޓްރެކްޓް އައު ކުރި ބުކަޔޯ ސަކާއެވެ. މުޅި މެޗަށް ބަލާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބްރައިޓަންއިންނެވެ. ދެޓީމުންކުރެ އެއްޓީމަކަށްވެސް މާގިނަ ހަމަލާތަކެއް މިމެޗުގައި އުފެއްދިފައެއްނުވެއެވެ. މުޅި މެޗުގައިވެސް ގޯލާ ދިމާކޮށްލެވުނީ 5 ޝޮޓެވެ. މިއީ ލީގު ހޯދުމަށް އާސެނަލް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ. އެޓީމު މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 67 ޕޮއިންޓާއެކުއެވެ. އެއީ ދެވަނާގައި އޮތް ސިޓީއަށްވުރެ 7 ޕޮއިންޓް އިތުރު އަދަދެކެވެ.

އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ސިޓީއަށް ލިބުނު ފުރުޞަތު ނަގާލީ ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުންނެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީން ޖެހި ދެލަނޑު ޖަހާފައިވަނީ ސެމެންޔޯ އާއި ރޮޑްރީއެވެ. ފޮރެސްޓްގެ ލަނޑުތައް ޖަހާފައިވަނީ ގިބްސް-ވައިޓާއި އެންޑަސަންއެވެ.

ފޮރެސްޓަށް ލިބުނު އެއް ޕޮއިންޓަކީ ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. މިވަގުތު ތާވަލުގެ 17 ވަނާގައި 28 ޕޮއިންޓާއެކު ފޮރެސްޓް އޮތްއިރު، ކުރިއަށް އޮތް ކޮންމެ މެޗަކީ އެޓީމު ލީގުގައި ދެމިއޮތުމަށް މުހިންމު މެޗެކެވެ.