ކޮންމެ އިންސާނަކީވެސް ދިރިއުޅުމުގައި ތަފާތު އެކި ބޭނުންތަކާއި ދަތިތަކާ ކުރިމަތިލާންޖެހޭނެ މީހެކެވެ. މިފަދަ ވަގުތުތަކުގައި އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ الله އަށް ދުއާކުރުމެވެ. ނަމަވެސް ބައެއް ފަހަރު ދުއާ އިޖާބަވުން ލަސްވާކަމުގެ އިހުސާސް ކުރެވި، މާޔޫސްވާ ގޮތް މެދުވެރިވެއެވެ. އެހެންނަމަވެސް، ދުއާ ގަބޫލުވުން އަވަސްކޮށްދޭ ހާއްސަ ދުއާތަކެއް އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައިވެއެވެ.
އޭގެ ތެރެއިން އެންމެ މުހިންމު އެއް ދުއާއަކީ ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވި ދުއާއެވެ. އެ ދުއާގެ މާނައިގައިވަނީ: "އިބަ الله ފިޔަވައި ހައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަ الله ގެ ހުސްތާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މިއަޅާ ވީމެވެ." މިއީ ކިޔާލަން ފަސޭހަ، އެހެނަސް އޭގެ ބުރަދަން ވަރަށް ބޮޑު ދުއާއެކެވެ.
މި ދުއާގެ މާތްކަމާ ގުޅޭގޮތުން ރަސޫލާ ﷺ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައި ކުރެއްވި ދުއާ ކިޔައި، އެއްވެސް މުސްލިމަކު الله އަށް ދުއާކޮށްފިނަމަ، އެމީހެއްގެ ދުއާ އެކަލާނގެ އިޖާބަކުރައްވާނެއެވެ."
ދުއާކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވައި ގުރުއާނުގައި الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުއާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުއާ އިޖާބަކުރައްވާހުށީމެވެ." އެހެންކަމުން ޔަގީންކަމާއެކު ދުއާކުރުންމަތީ ދެމިތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން އިސްލާމީ އުއްމަތުގެ މަޝްހޫރު އިލްމުވެރިޔާ އިމާމް އިބްނުލް ގައްޔިމް ވިދާޅުވެފައިވެއެވެ. "މީހަކަށް ބޮޑުވެގެންވާ ހިތާމައެއް ނުވަތަ މުސީބާތެއް ކުރިމަތިވެއްޖެނަމަ، ޔޫނުސްގެފާނުގެ ދުއާ ކިޔުމުން އެކަމަކުން އޭނާ ސަލާމަތްކޮށްދެއްވައި، ދުއާ ގަބޫލުކުރެއްވުން އަވަސްކޮށްދެއްވާނެއެވެ." ވީމާ، ކޮންމެ ނަމާދަކަށްފަހު އަދި ހުސް ވަގުތުތަކުގައި މި ދުއާ ކިޔުން އާދައަކަށް ހަދަމާ ހިންގަވާށެވެ.
