ރާއްޖޭގައި ޝީޝާ ބޭނުންކުރުން މަނާކުރުމާއި، ހަކުރު ގިނައިން އެކުލެވޭ ތަކެތިން ޓެކްސް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ އެކި ފެންވަރުގައި މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޝީޝާ ފަދަ ދުންފަތުގެ ބާވަތްތައް މަނާކުރުމާއި ހަކުރަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމަކީ އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ސީދާ ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، އެކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، މި ބަދަލުތައް ގެންނާނީ އާންމުން އެކަމަށް ހޭލުންތެރިކުރުވުމަށް ފަހު އެންމެ އެކަށީގެންވާ ދަނޑިވަޅުގަ އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ، ދާދިފަހުން ވޭޕްގެ ބާވަތްތައް މަނާކުރުމަށް ނިންމި ނިންމުން ފާހަގަކުރައްވާފަ އެވެ. "ޕަބްލިކް ހެލްތުގެ ވިސްނުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްދާ ނަމަ، ރާއްޖޭގައި ހަކުރު ބޭނުންކުރާ މިންވަރު އިތުރުވުމުގެ މައްސަލައަށް ވެސް އެދެވޭ ހައްލެއް އަންނާނެ،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
މި ބަދަލުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި ހެލްތު މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ އޮތީ މިފަދަ ހަރުދަނާ ފިޔަވަޅުތައް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ.
