ޒަމާނީ ފަސޭހަތަކާއެކު، ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތްތަކަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ "ވަށަނި" ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އެވެ.
ހިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕޯޓަލްގައި އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެ އެވެ. އަދި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގ ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ހިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުސަތުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ކަރަންޓުގެ ހިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އަދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންގެ ފޯނަށް ލިބެމުންދާނެ އެވެ.
ވަށަނި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާ ގުޅިފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. "ވަށާ ޖެހޭ ހިދުމަތެއް. އަޅުގަނޑުމެންގެ ހިދުމަތް އޮންލައިން ކުރެވި ޕޭޕަރލެސް ސިސްޓަމަކަށް މިވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ދުވަސްތަކެއް ވަންދެން ކުރަމުން އައި އުއްމީދެއްގެ ނިމުން،" އަޒުވަރު ވިދާޅުވި އެވެ.
އަޒުވަރު އިތުރަށް ވިދާޅުވި ގޮތުގައި، މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ އަދި ހިދުމަތް ހޯދުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. އަދި މި އިންޑަސްޓްރީގައި އޮންލައިންކޮށް ހިދުމަތް ދިނުމުގައި ސްޓެލްކޯ އިން އެހެން ހަރުފަތަކަށް ވާސިލުވެފައިވާ ކަމަށާއި، 24 ގަޑިއިރު ހިދުމަތަށް އެދުމުގެ ފުރުސަތު މިހާރު ކަސްޓަމަރުންނަށް އޮންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
