ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބްލެކްމެއިލް ކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ދެކޮޅަށް ޖިނާއީ އެއްވެސް މައްސަލައެއް ފުލުހުންގެ އިދާރާއަށް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެޕްސްޓީންއާ މުއާމަލާތްކޮށް ގުޅުން ބޭއްވި މައްސަލާގައި ރައީސް ވަހީދުގެ މައްޗަށް އެއްވެސް ފަރާތަކުން މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ފުލުހުން އަމިއްލައަށް އިސްނަގައިގެން ވެސް މިހާތަނަށް އެފަދަ ތަހުގީގެއް ފަށާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ޖިނާއީ ކުށެއް ކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، ވަކި މީހަކަށް ބެލުމެއް ނެތް އެ މައްސަލައެއް ބައްލަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
އެޕްސްޓީންއާ ގުޅުން އޮތްކަން ހާމަވާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ މަގާމުން ރައީސް ވަހީދު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ރައީސް ވަހީދު އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތުމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްސްޓީންއާ އެކު އޮތީ ހަމައެކަނި ރަސްމީ ގުޅުމެއް ކަމަށާއި، އޭނާ ހިންގި އެއްވެސް ލާއިންސާނީ އަމަލެއްގައި ރައީސް ވަހީދު ނުވަތަ އާއިލާގެ ބޭފުޅަކުވެސް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި އެފަދަ މީހަކާ މުއާމަލާތް ކުރެވުނީތީ ރައީސް ވަހީދު ހިތާމަކުރައްވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
