ދިވެހިންގެ ގޯތި ގެދޮރުގައި ހައްދައި އުޅޭ މޭވާގެ ތެރެއިން ފޭރަކީ ވަރަށް ފާހަގަ ކޮށްލެވޭ މޭވާ އެކެވެ. ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި ފަސޭހަކަމާއެކު ހެދޭ މޭވާގެ ބާވަތެކެވެ. މެދުތެރޭ އެމެރިކާ އާއި އުތުރު އެމެރިކާގަ އެވެ. ކެރީބިއަން ސަރަހައްދާއި އޭޝިޔާ ބައްރުގެ އެކި ކަންކޮޅުތަކުގަ އެވެ.
ޢިލްމީ ގޮތުން ބަލާއިރު ފޭރު ހިމެނިގެން ވަނީ ގަސްގަނޑުގައި އާރުލާ، ކޯނި ކޯންޏަށް މާ އަންނަ ގަސްގަހާގެހީގެ ގިންތީގަ އެވެ. ފޭރު އާއިލާ ގައި 100 އަށްވުރެ ގިނަ ތަފާތު ބާވަތް ހިމެނެ އެވެ.
ޞިއްޙީގޮތުން ބަލާއިރު، ފޭރަކީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. އޭގެ ތެރެއިން އެއް މާއްދާ އަކީ ކެލްސިއަމެވެ. 165 ގުރާމުގެ ފޭރެއްގައި 50 މިލިގްރާމު ކެލްސިއަމް ހިމެނެ އެވެ. އާއްމުކޮށް އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަ ފަދައިން، ކެލްސިއަމް ކޮށްދޭ ކަމަކީ ހަމަ އެކަނި ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދިނުމެއް ނޫނެވެ. އޭގެ އިތުރަށް ހިތުގެ ހިނގުމާއި ވިންދުޖެހުން އޭގެ ހެޔޮ މިނުގައި ބަހައްޓައިދިނުމުގައި ވެސް ކެލްސިއަމް މުހިންމު ދައުރެއް އަދާކުރެ އެވެ. ހަށިގަނޑުގެ ހޯމޯންތައް އެކަށޭނަ ވަޒަނުގައި ދެމެހެއްޓުމާއި، ނާރުތަކުގެ ލޭހިނގުން ފަހި ކުރުމާއި، މަސްތަކުގެ ބާރު ހެޔޮކުރުމަކީ ވެސް ކެލްސިއަމްގެ އެހީތެރިކަމާ ގުޅިފައިވާ ކަންކަމެވެ. ޚާއްޞަކޮށް އަންހެނާ އުމުރުން ދުވަސްވެ ދަރިމައި ނުވާ އުމުރަށް ދިޔުމުން ކަށިތައް ބަލިކަށިވެ ހީނަރުވެ އެވެ. ފީވެ ރެނދުލަ އެވެ. ބައެއް ފަހަރަށް ވަރަށް ފަސޭހައިން ބިންދައިގެން ދެ އެވެ. މި ފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމުގައި ކެލްސިއަމްގެ ބޭނުންތެރިކަން ވަރަށްބޮޑެވެ.
ފޭރުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ފޮސްފަރެސް ހިމެނެ އެވެ. 168 ގުރާމުގެ ފޭރެއްގައި 48 މިލިގްރާމަކީ ފޮސްފަރަސް އެވެ. މި މާއްދާ އަކީ ހަށިގަނޑުގައި ކެލްސިއަމް އަދާކުރާ ދައުރާ ދާދި އެއްކަހަލަ ދައުރެއް އަދާ ކުރާ މާއްދާ އެކެވެ. ހަށިގަނޑުގައި ހިމެނޭ ފޮސްފަރަސްގެ ގާތްގަނޑަކަށް 85 އިންސައްްތަ ހިމެނެނީ ކަށީގައާއި ދަތްތަކުގަ އެވެ. ހުންނަންވާ ނިސްބަތަށްވުރެ މި މާއްދާ ހަށިގަނޑުގައި ދަށްވެއްޖެ ނަމަ، ކަށިތައް ބަލިވެ ހީނަރުވާނެ އެވެ. ދަތްތަކުގެ ބާރު ދެރަ ވާނެ އެވެ. މީގެ އިތުރުން ވަރުބަލިވުމާއި ކާހިތްނުވުމާއި ބަރުދަންލުއިވެ އަނަރޫފަވުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ. ފޮސްފަރަސްގެ އެންމެ ޚާއްޞަ ވަޒީފާ އަކީ، ކިޑުނީގެ މަސައްކަތުގައި އެހީތެރިވުމެވެ. މިގޮތުން ކާނާގެ ގޮތުގައި ހަށިގަނޑަށް އެތެރެ ކުރާބައިން ''ކުނީގެ ގޮތުގައި'' ބޭރުކޮށްލާބައި ރަނގަޅަށް ވަކިކޮށް ފިލްޓަރުކޮށްދިނުމަކީ ފޮސްފަރެސް އަދާ ކުރާ މުހިންމު ދައުރެކެވެ.
ފޭރުގައި ހިމެނޭ މުހިންމު އަނެއް ބާވަތަކީ ކާބޯހައިޑްރޭޓްސް އެވެ. އިސްވެ ދެންނެވުނު ބުރަދަނުގެ ފޭރެއްގައި 19.6 މިލިގްރާމު ކާބޯހައިޑްރޭޓްސް ހުރެ އެވެ. މި މާއްދާ އަކީ ހަށިގަނޑަށް ބޭނުންވާ ހުރިހައި ހަކަތައެއްގެ މައިގަނޑު އަސްލެވެ. އިންސާނީ ހަށިގަނޑަކީ އެތައް ބިލިޔަން ސެލްތަކުގެމައްޗަށް އެކުލެވިގެންވާ ބިނާއެއްކަމުގައި ވާއިރު، އެއިން ކޮންމެ ސެލްއެއް އޭގެ ޒާތުގައި ބިނާވެ ޙަރަކާތްތެރިވުމަށް ބޭނުންވާ ބާރާއި ހަކަތަ ލިއްބައިދެނީ ކާބޯހައިޑްރޭޓުސް އިންނެވެ. އަދި ގުލްކޯޒަކީ ސީދާގޮތުގައި ކާބޯހައިޑްރޭޓްސްއިން ރައްދުކޮށްދޭ ހަކަތަ އެކެވެ.
ފޭރުގައި ހިމެނޭ 8.9 މިލިގްރާމަކީ ފައިބަރެވެ. ޞިއްޙީ ދާއިރާގެ ދިރާސާތައް ބުނާ ގޮތުން ފައިބަރުގެ ސަބަބުން އިންސާނާގެ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދެ އެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކާއި، ބޮޑުކަމު، ދިޔުމުގައި ކުރިމަތިވާ ބައެއް ކަހަލަ ދަތިތައް ދިމާވުމުގައި އެދެވޭ މިންވަރަށް ފައިބަރު ހަށިގަނޑަށް ލިބިފައިނެތުން ހިމެނެ އެވެ. އެހެންކަމުން އެދެވޭ މިންވަރަށް ފައިބަރު ލިބިގަތުމަށްޓަކައި ފޭރުގެ ބޭނުން ކުރެވިދާނެ އެވެ.
ފޭރުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާ ހުރި އަނެއް މާއްދާ އަކީ، ނިއަސިން އެވެ. ނިއަސިންއަކީ ވިޓަމިން ބީ ގެ ބާވަތެކެވެ. މިއީ ދުވަހުން ދުވަހަށް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ. ސަބަބަކީ މިއީ އެހެނިހެން ބައެއް މާއްދާތައް ފަދައިން ހަށިގަނޑަށް އެތެރެވާ މުޅި ނިސްބަތް ހަށިގަނޑުގައި ޖަމާވެ ރައްކާކުރެވޭ މައްދާ އެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެތެރެވާ މުޅި ނިސްބަތުން އެހިނދަށް ހަށިގަނޑަށް ބޭނުންވާބައި ގުނަންތަކަށް ބަހައިލުމަށްފަހު، ދެން ހުރި ބާކީ، ކުޑަމުދާއެއްޗިއްސާ އެކު ބޭރުވެގެންދާ މާއްދާ އެކެވެ. 165ގްރާމުގެ ފޭރެއްގައި 2 މިލިގްރާމުގެ ނިއަސިން ހިމެނެ އެވެ.
ހަށިގަނޑު ހެދި ބޮޑުވެ ބިނާވުމުގައި އެންމެ އިސްދައުރެއް އަދާ ކުރާ އެއް މާއްދާ އަކީ ޕްރޮޓީންނެވެ. އިސްވެ ދަންނަވައިލެވުނު ބުރަދަން ހިމެނޭ ފޭރެއްގައި 1.35 މިލިގްރާމު ޕްރޮޓީން ހިމެނޭތީ، ރަނގަޅުގޮތުގައި ހެދިބޮޑުވެ ހަށިގަނޑު ބިނާވެގެން ދިޔުމަށްޓަކައި ފޭރު ގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިދޭނެކަމަށް ގަބޫލުކުރެވެއެވެ.
ވިޓަމިން އޭ އަކީ ވެސް ގިނަ އަދަދަކަށް ފޭރުގައި ހިމެނޭ މާއްދާ އެކެވެ. 165ގުރާމުގެ ފޭރެއްގައ ނިސްބަތުން 412 އައި.ޔޫ ހިމެނެ އެވެ. ވިޓަމިން އޭ ގެ ފައިދާތަކުގެ ތެރޭގައި ހަމަށް ލިބިދޭ ރައްކާތެރިކަމާއި ހަށިގަނޑުގައި ޠަބީޢީ ގޮތުން ހިނގާ ހަމުގެ މަރާމާތުތަކުގައި އެހީތެރިކަން ލިބުން ހިމެނެ އެވެ. ހަށިގަނޑުގެ އެތެރޭގެ ޓިޝޫތައް މަރާމާތުކޮށްދެ އެވެ. ލޮލުގެ ފެނުމުގެ ޤާބިލުކަން އިތުރުކޮށްދެ އެވެ. މީގެ އިތުރަށް ފިރިހެނުންގެ ''މަނަވީ ފެން'' އުފެދުން އިތުރުކޮށްދިނުމާއި އަންހެނުންގެ ދަރިމައިވުމުގެ ބުރު ދުޅަހެޔޮކަންމަތީ ބަދަލުވެގެން ދިޔުމަށް އެހީތެރިވެ ދެ އެވެ. ދިރާސާތައް ބުނާ ގޮތުން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ވިޓަމިން އޭ އެކަށީގެންވާ މިންވަރަށް ހަށިގަނޑުގައި ނުހުންނަ މީހުންގެ ދިފާޢީ ބާރު ދަށްވާ ކަމެވެ.
ފޭރުން ލިބޭ އަނެއް މާއްދާ އަކީ ވިޓަމިން ބީ އެވެ. އިސްވެ ދަންނަވާ ލެވުނު ވަރުގެ ފޭރެއްގައި 1.15 މިލިގްރާމު ވިޓަމިން ބީ ހިމެނޭނެ އެވެ. ހަށިގަނޑުގައި ވިޓަމިން ބީ އަދާ ކުރާ ދައުރަށްބަލާއިރު ހަތާތަކުގެ ތެރޭގައި ހިނގާ އަމަލީ ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން ހިމެނެ އެވެ. އޭގެ ތެރޭގައި ޙާލަތާގުޅިގެން ހަތަޔަށް އަންނަ ރޫޅުންތަކާއި ބިނާވުންތަކާއި މަރާމާތުތަކާއި އަދި މި ކަންކަމުގެ އަވަސް ލަސްމިނުގައި ބައިވެރިވުން ހިމެނެ އެވެ. ނާރުތަކާގުޅޭ ނިޒާމާއި، ދިފާޢީ ނިޒާމު ހަރުދަނާކޮށް ބަލަހައްޓައިދެ އެވެ.
ވިޓަމިން ސީ ގެ ވެސް 489 މިލިގްރާމު އިސްވެ ދަންނަވާލެވުނު ވަރުގެ ފޭރެއްގައި ހުރެ އެވެ. ހަށިގަނޑުގައި ވިޓަމިން ސީ އަދާކުރާ ވަޒީފާ އަކީ، ހަށިގަނޑު އާކޮށް މަރާމާތު ކުރުމެވެ. ހަތާތަކުގެ އެންމެ ކަވި ރޫޅުންތަކަށް ދަންދެން އަލުން އިޢާދަކޮށް އާކޮށް ދިނުމެވެ. ހިރުގަނޑުން ލޭ އަންނަ ހާލަތުގައި އެކަން ހައްލުކޮށްދެ އެވެ. ރޯގާޖެހިގެން އަރުތެރޭން މަށައިގެންދާ ތަންތަން ދާދި އަވަހަށް ފަސޭހަކޮށްދެ އެވެ. ދިފާޢީނިޒާމު ވަރުގަދަ ކޮށްދެ އެވެ. ދިރާސާތައް ބުނާ ގޮތުގައި ވިޓަމިން ސީ އަށް އިސްކަންދީގެން ކެއުމުގެ އާދަކާދަތައް އެކަށައަޅާ މުޖުތަމަޢުތަކުގައި ލޭމައްޗަށް ދިޔުމާއި ކެންސަރުބަލީގެ މައްސަލަތައް ވަރަށް ކުޑަ އެވެ.
ފޭރުގައި ހިމެނޭ ސަރުބީގެ ނިސްބަތް ވަރަށް ކުޑަ އެވެ. އެއީ 0.9 ގުރާމެވެ. ކެލަރީ ގެ ނިސްބަތަކީ 84 އެކެވެ. މީގެ އިތުރަށް ދުޅަހެޔޮ ހަށިގަނޑަކަށް ވަރަށް މުހިންމު ދެ މާއްދާ ކަމުގައިވާ ދަގަނޑުގެ ބަައި އަދި ފޮލިކް އެސިޑް ހިމެނެ އެވެ. ޞިއްޙީގޮތުން ނުހަނު ފައިދާހުރި މީރު މޭވާ އެކެވެ.
މިހުރިހާ މާއްދާތަކެއް ވަކިމިންވަރެއްގައި ފޭރުގައި ހުރުމަކީ ފޭރުން ލިއްބައިދޭ ފައިދާތައް ގިނަގުނަ ކުރުވާކަމެކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ފޭރު ކައިގެން އެވެނި މިވެނި ކަމެއް ނުވާނޭ ކަމެކެވެ. ނަމަވެސް އެކަމެއް ވާން މެދުވެރިވާ މާއްދާ ލިބޭނޭ ކަމެވެ.
