ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން، މާޗު މަހުގެ 23 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަގާމަށް ޝަރުތު ހަމަވާނީ ފުލުހުންގެ ހިދުމަތުގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންނަށެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވި ވަކި ހާއްސަ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނަރު ރިޓަޔާ ކުރެއްވުމުން ނުވަތަ މަގާމުން ވަކިކޮށްފި ހާލަތެއްގައި، އެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލުވާނީ ޑެޕިއުޓީ ކޮމިޝަނަރަކާ އެވެ. އެގޮތުގެ މަތިން މިވަގުތު ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދަވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. އަލަށް އައްޔަނުކުރެވޭ ކޮމިޝަނަރަކީ މި ސަރުކާރުން މި މަގާމަށް އައްޔަނުކުރާ ތިންވަނަ ބޭފުޅާ އެވެ.
މި ސަރުކާރުގައި މީގެ ކުރިން މި މަގާމު ފުރުއްވީ އަލީ ޝުޖާއު އެވެ. ޝުޖާއު މަގާމުން އިސްތިއުފާ ދެއްވީ 2025 އޭޕްރީލް 26 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އާއިލީ ޒިންމާތަކުގެ އިތުރުން، ހެންވޭރު އިމާރާތަކުން ވެއްޓި ހައްވާ ޔުމްނަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާގެ ތަހުގީގާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އާ ކޮމިޝަނަރަކު އައްޔަނު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
