ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލަށް ބަދަލު ގެންނަވައި، ރ. އަތޮޅު "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއްގެ ގޮތުގައި އަދި ހއ. އަތޮޅު "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
އުނގުލު އަކީ އުނގޫފާރުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އަދި ކަނޑާލިފިނޮޅު ވަށަފަރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ބަދަލުތައް ގެންނަވާފައިވަނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މީގެކުރިން އުނގޫފާރު ރައްޔިތުން ވަނީ އެ ރަށުގައި ސިނާއީ މަސައްކަތްތައް ކުރުމަށްޓަކައި ފަޅު ރަށެއް ބޭނުންވާ ކަމަށް ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ. މިކަމާ ގުޅިގެން 2024 ވަނަ އަހަރު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އުނގުލަކީ އެއްވެސް ފަރާތަކަށް ދީފައިވާ ރަށެއްތޯ ބެއްލެވުމަށްފަހު، އެފަދަ ކަމެއް ނެތް ނަމަ އެ ރަށް އުނގޫފާރު ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ނިންމެވުމާ ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު މިހާރު ވަނީ އަދާހަމަކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މީގެ ސަބަބުން އެ ދެ ރަށުގެ އިހުތިސާސް ފުޅާވެ، އިގުތިސާދީ އަދި އިޖުތިމާއީ ބޭނުންތަކަށް އެ ފަޅު ރަށްތައް ބޭނުންކުރުމުގެ ގާނޫނީ ފުރުސަތު އެ ދެ ރަށުގެ ކައުންސިލްތަކަށް މިހާރު ވަނީ ލިބިފަ އެވެ.
