1447 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރިއަށްގެންދިޔަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފިއެވެ.

ސްޓެލްކޯގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ތަރާވީހުގެ ތެރެއިންނެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަފްލާގެ ތެރެއިން މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމުގެ ބައެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރަމަޟާން މަހުގެ ރޫހު އާލާކޮށް، މުވައްޒަފުންގެ މެދުގައި ދީނީ ކަންކަމަށް ޝައުގުވެރިކަން އުފެއްދުމަށް ބޭއްވި މި މުބާރާތްތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތާ ގުޅޭ ފޮޓޯތަކާއި މައުލޫމާތު އެ ކުންފުނިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ.

ސްޓެލްކޯއަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.