ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
އެއަރޕޯޓުން ބަލައިފާސްކުރި މީހެއްގެ އަތުން ފެނުނު މި ތަކެތި ޓެސްޓު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަމަށް ވަނީ ދައްކާފައެވެ. މި މައްސަލައިގައި އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 6.7 ކިލޯ ހުރިއިރު، އޭގެ ބާޒާރު އަގު 5.4 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހަރަކާތްތަކުގައި ޖުމްލަ 83.45 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި ތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް 72.2 މިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެއްޗަކީ ސީދާ ކަސްޓަމްސް އިން އަތުލައިގަތް ތަކެއްޗެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، ކަނޑާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި އެ މުއައްސަސާގެ މަސައްކަތްތައް މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ތިބެގެން މިފަދަ ތަކެތި ރާއްޖެއަށް ފޮނުވާ ފަރާތްތައް ހޯދައި، އެފަދަ އަމަލުތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
