މަޝްހޫރު އެކްޓަރު ޔަޝްގެ އާ ފިލްމު "ޓޮކްސިކް" ރިލީޒްކުރުން މެދުއިރުމަތީގެ މަސްލަހަތު ގޯސްވުމާ ގުޅިގެން ޖޫން މަހަށް ފަސްކޮށްފިއެވެ. މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 19 ވަނަ ދުވަހު ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ ފިލްމު ރިލީޒްކުރާ ތާރީހަކީ ޖޫން 4 ކަމަށް ކަނޑައަޅާފައެވެ. ފިލްމު ފަސްކުރަން ޖެހުނީ އެމެރިކާއާއި އިޒްރޭލް އަދި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ ސިނަމާތަކަށް އޭގެ ނޭދެވޭ އަސަރު ކުރާތީއެވެ.
މި ފިލްމަކީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން އުފައްދާ ފިލްމަކަށް ވުމުން، މެދުއިރުމަތީގެ މާކެޓަކީ އިންޑިއާ ފިލްމުތަކަށް ވަރަށް މުހިންމު މާކެޓެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ގީތޫ މޯހަންދާސް ބުންޏެވެ. ފިލްމު ފަސްކުރުމާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބޮޑު ޓްރެއިލާ ލޯންޗުކުރުމުގެ ހަފުލާއާއި، ޕްރޮމޯޝަންގެ ހުރިހާ ހަރަކާތްތަކެއް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކުރުން ވެސް ހިމެނެއެވެ.
"ޓޮކްސިކް" ފަސްކުރުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ރަންވީރު ސިންގްގެ ފިލްމު "ދުރަންދަރު 2" އަށެވެ. މި ބަދަލާއެކު މާޗް މަހު ރަންވީރުގެ ފިލްމަށް އިންޑިއާގެ 6،000 އެއްހާ ސިނަމާގައި ފިލްމު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ފިލްމަށް ލިބޭ އާމްދަނީ 30 އާއި 40 ކްރޯޑު ރުޕީސްއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށް ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
