އީރާނުގެ އަސްކަރިއްޔާއިން ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ނިޒާމުތަކަކުން، ބޭރަށް ނުފެންނަ ގޮތަށް މިސައިލް ފޮނުވާލުމުގެ އާ އުކުޅެއް ދައްކާލައިފިއެވެ.
މި އާ ޓެކްނޮލޮޖީގެ އެހީގައި، ބޭރަށް ފެންނަން ހުންނަ މިސައިލް ލޯންޗަރަކާ ނުލައި، ބިން ފަޅާލާފައި މިސައިލްތައް ކުއްލިއަކަށް އުދުހިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އީރާނުން ވަނީ އާންމުކޮށްފައެވެ.
މި ނިޒާމަކީ އެމެރިކާއާއި އިޒްރޭލަށް ލިބިގެންދާނެ ބޮޑު ސިހުމެއް ކަމަށް އަސްކަރީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބިމުގެ ދަށުން މިސައިލް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވުމަކީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ސިއްރުވެރިކަމާއެކު ހަމަލާދިނުމުގެ ފުރުސަތު ފަހިވެ، ސަރަހައްދީ ބާރުތަކަށް ކުރިމަތިވާނެ އާ ގޮންޖެހުމެކެވެ. މީގެ ސަބަބުން ހަމަލާދޭން ތައްޔާރުވާ ތަން ދެނެގަތުމަށް ބޭރުގެ ޖާސޫސީ އިދާރާތަކަށް ވަރަށް ބޮޑަށް އުނދަގޫވާނެއެވެ.
އީރާނުން އާންމުކޮށްފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ބިމުގެ އަޑިން މިސައިލްތައް ފޮނުވާލުމާއެކު ބޮޑު ދުމުގެ ފަށަލައެއް އުފެދި، މިސައިލްތައް އުޑާ ދިމާލަށް މިސްރާބު ޖަހައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އީރާނުން ވަރަށް ބޮޑަށް ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އަސްކަރީ މަޝްރޫއެއްގެ ތެރެއިން ހޯދި މުހިންމު ކުރިއެރުމެކެވެ. މި ނިޒާމުގެ ސަބަބުން އީރާނުގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެ، ދުޝްމަނުންނަށް ކުއްލި ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އެ ގައުމަށް މިހާރު ވަނީ ލިބިފައެވެ.
