ގިނަ އަދަދެއްގެ ހިންދޫން އެމީހުންގެ ދީން ދޫކޮށް، އިސްލާމްދީން ގަބޫލު ކުރަމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އިންޑިއާގެ އައްސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހިމަންތާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީއަށް ނިސްބަތްވާ ޗީފް މިނިސްޓަރެކެވެ.

އޭނާ ބުނީ ހިންދޫން އިސްލާމްދީނަށް ވަނުން އިތުރުވަމުން ދާއިރު މުސްލިމުން އުފަންވާ އަދަދު ވެސް ހިންދޫން އުފަންވާ އަދަދާއި ބަލާއިރު މާގިނަ ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ މުސްލިމުންގެ އާބާދީ މަދުކުރުން އެއީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެއަމާޒަށް ވާސިލްވުމަށް ސިއްހީ ނިޒާމް ހަރުދަނާކޮށް ތައުލީމީ ދާއިރާ ފުޅާކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ކޮންމެ މުސްލިމަކު ހޯދަން ޖެހޭނީ ގިނަވެގެން ދެކުދިން ކަމަށް ކަނޑައަޅައި، އާސިޔާސަތެއް ތަންފީޒު ކުރުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ހިމަންތާ ބުންޏެވެ. އޭނާ ބުނީ އެފަދަ ސިޔާސަތެއް ތަންފީޒު ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރާނީ އެހެން ގޮތްގޮތުން މުސްލިމުންގެ އާބާދީ ކުޑަކުރެވޭތޯއެވެ.

މުޅި ދުނިޔޭގެ އާބާދީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އިތުރުވަމުން އަންނަނީ މުސްލިމުންގެ އާބާދީއެވެ. މިގަރުނުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ މީހުން ތަބާވާ ދީނަކީ އިސްލާމްދީން ކަމަށް ވެގެން ދާނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.