ބަރަކާތްތެރި ރަމަޟާން މަހަކީ ހަމައެކަނި ރޫހާނީ ގޮތުން އިންސާނާ ތަރުބިއްޔަތުކޮށްދޭ މަހެއް ނޫނެވެ. މިއީ ސިއްހީ ގޮތުން، ހާއްސަކޮށް ހިތުގެ ދުޅަހެޔޮކަމަށް ބަލާއިރު ނުހަނު ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޫސުމެކެވެ. ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ރޯދައަށް ހުރުމަކީ ލޭގެ ޕްރެޝަރާއި، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަކާއި، ދުޅަހެޔޮކަމަށް ހުރަސްއަޅާ އެކި ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނުވައި، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.
ހިތުގެ ދުޅަހެޔޮކަމަށް ރޯދައިގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ލޭގެ ޕްރެޝަރު ދަށްކޮށްދިނުމެވެ. 2021 ވަނަ އަހަރު 'ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަން' ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ރޯދަ ހިފުމުގެ ސަބަބުން ލޭގެ ޕުރެސަރު މައްޗަށްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދެއެވެ. މީގެ ސަބަބުން ހިތަށް ކުރާ ބާރު ކުޑަވެ، ސްޓްރޯކް ޖެހުމާއި ހިތް ހުއްޓުން ފަދަ ނުރައްކާތަކުން އިންސާނާ ސަލާމަތްކޮށްދެއެވެ.
ލޭ ހިނގާ ހޮޅިތަކުގެ އެތެރޭގެ ފަށަލަ ނުވަތަ 'އެންޑޯތީލިއަމް' ގެ މަސައްކަތްތައް ހަރުދަނާކުރުމަކީ ވެސް ރޯދައިގެ މުހިންމު ފައިދާއެކެވެ. 2025 ވަނަ އަހަރުގެ ދިރާސާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ރޯދައަށް ހުރުމުގެ ސަބަބުން ލޭ ހޮޅިތައް ފުޅާކޮށްދޭ 'ނައިޓްރިކް އޮކްސައިޑް' އިތުރުވެ، ލޭ ހޮޅިތަކުގައި ބަރުބަށި ނުވަތަ 'ޕްލެކްސް' އުފެދުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން، ހަށިގަނޑުގައި އުފެދޭ ދުޅަހެޔޮ ނޫން މާއްދާތައް މަދުކޮށްދީ، ހިތުގެ ބަލިތަކަށް މަގުފަހިވާ އިންސުލިން ރެސިސްޓެންސް ރަނގަޅުކޮށްދެއެވެ.
ކޮލެސްޓްރޯލްގެ މިންވަރަށް ބަލާއިރު ވެސް، ރޯދަ ހިފުމަކީ ހަށިގަނޑަށް ލިބޭ ބޮޑު ނިއުމަތެކެވެ. ގިނަ ދިރާސާތަކަކުން ސާބިތުވާ ގޮތުގައި ރޯދަ މަހުގެ ތެރޭގައި ހަށިގަނޑަށް ގެއްލުންދޭ 'ބޭޑް ކޮލެސްޓްރޯލް' (އެލް.ޑީ.އެލް) މަދުވެ، ފައިދާހުރި 'ގުޑް ކޮލެސްޓްރޯލް' (އެޗް.ޑީ.އެލް) އިތުރުވެއެވެ. މިއާއެކު ހަށިގަނޑުގެ ބަރުދަން ލުއިވެ، ބަނޑުގެ ސަރުބީ ވިރުވައިދިނުމަށް އެހީތެރިވެދެއެވެ. މިއީ މުޅި މެޓަބޮލިކް ނިޒާމު ހަމަޔަކަށް އަޅުވައި، ހިތުގެ ބަލިތަކަށް އޮންނަ ހިރާސް ކުޑަކޮށްދޭ ކަމެކެވެ.
މިއަދުގެ ސައިންސްވެރިން ފާހަގަކުރާ އަނެއް މުހިންމު ކަމަކީ ގޮހޮރުގެ ދުޅަހެޔޮކަމާއި ހިތާ ހުރި ގުޅުމެވެ. ރޯދަ ހިފުމުގެ ސަބަބުން ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް ހެޔޮ ބަދަލެއް އާދެއެވެ. މީގެ ސަބަބުން ލޭ ހޮޅިތަކަށް ގެއްލުންދޭ ވިހަ މާއްދާތައް އުފެދުން މަދުވެ، ހިތުގެ މަސައްކަތްތަކަށް ލުއިލިބިގެންދެއެވެ.
ރޯދަ ހިފުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އޮތް ވަރަށް ވަރުގަދަ އައްޑަނައެކެވެ. ނަމަވެސް، ހިތުގެ ބަލި ހުންނަ ފަރާތްތަކުން ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް، ރޯދަ ވީއްލާ ގަޑީގައާއި ހާރު ގަޑީގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، މާގިނައިން ތެޔޮ އެއްޗެހި ކެއުމުން ދުރުހެލިވުމަކީ ރޯދައިގެ ސިއްހީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ކުރަންޖެހޭ ކަމެކެވެ. ރޯދައަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ؛ އެއީ ހިތާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ލިބޭ ރަހުމަތެކެވެ.
ހަވާލާ:
. ސައިންސް ޑެއިލީ 2025.
. ޕަބްމެޑް 2021.
