އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކޮށް، ލުބުނާނުގެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕަކަށް ދިން ޑްރޯން ހަމަލާއެއްގައި ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ވަސީމް އަޠައްالله އަލް-އަލީ އާއި އޭނާގެ އަނބިކަނބަލުން ޝަހީދުކޮށްލައިފިއެވެ. ޓްރިޕޮލީއާ ކައިރީގައި އޮންނަ ބައްދާވީ ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާއަކީ، އެމެރިކާއާއި އިސްރާއީލު އަދި އީރާނާ ދެމެދު ފެށިފައިވާ ބޮޑު ހަނގުރާމައަށްފަހު ލުބުނާނުގައި ހަމާސްގެ ލީޑަރަކަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެވެ.
މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށާއި، ހިޒްބުالله ގެ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. މި ހަފުތާގެ ތެރޭގައި ހިޒްބުالله އިން ހަނގުރާމައިގެ ތެރެއަށް ރަސްމީކޮށް ވަނުމާ ގުޅިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 70 އާއި 100 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ. ބަދަލުހިފުމުގެ ގޮތުން ހިޒްބުالله އިން ދަނީ އިސްރާއީލުގެ އުތުރާއި މެދުތެރެއަށް، ހާއްސަކޮށް ހައިފާ އަދި ޓެލް އަވީވް ސަރަހައްދަށް އަމާޒުކޮށް ރޮކެޓާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.
މި ހަނގުރާމަ މިހާރު ދަނީ މެދުއިރުމަތީގެ އެހެން ސަރަހައްދުތަކަށް ވެސް ފުޅާވަމުންނެވެ. އެގޮތުން އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާގެ ބޭސްތަކަށް ހަމަލާދޭން ފަށާފައިވާއިރު، ޔަމަނުގެ ހޫތީން ވެސް ދަނީ ހަމަލާތަކުގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. ހަމައެއާއެކު، އީރާނުގެ ޑްރޯންތަކެއް އަޒަރްބައިޖާންގެ ބޯޑަރު ހުރަސްކޮށް، ނަޚްޗިވާން އިންޓަނޭޝަނަލް އެއާޕޯޓަށާއި ސްކޫލެއް ކައިރިއަށް ވެއްޓި 4 އާންމުން ވަނީ ޒަހަމްވެފައެވެ. އަޒަރްބައިޖާނުން މިއީ ޓެރަރިސްޓް އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އީރާނުން ވަނީ މިކަމުގައި ބައިވެރިވުން ނޯންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
