މިއަދުގެ މުޖުތަމައުގައި ޓައިޕް 1 ޑައިބެޓިކްސް ނުވަތަ ހަކުރުބަލީގެ ބާވަތް 1 އާ މެދު އޮންނަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، އެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. މީގެ ތެރެއިން އެކަކީ އުމުރުން 28 އަހަރުގެ މަރްޔަމް ނަފްހާއެވެ. އޭނާގެ ދިރިއުޅުމަކީ ބައްޔާއެކުވެސް ހިތްވަރާއެކު ކުރިއަށް ދެވޭނެކަމުގެ ދިރިހުރި މިސާލެކެވެ.

ބަލި ދެނެގަނެވުނު ގޮތާއި ކުރީކޮޅުގެ ހާލަތް
ނަފްހާއަށް ޓައިޕް 1 ޑައިބެޓިކްސް ހުރިކަން އެނގުނީ 2015 ވަނަ އަހަރު، އޭނާގެ އުމުރުން އެންމެ 17 އަހަރުގައެވެ. އާއިލާގެ އެއްވެސް މީހެއްގެ ކިބައިގައި މި ބަލީގެ ތާރީޚެއް ނެތް ނަމަވެސް، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ނަފްހާ ވަރަށް ބޮޑަށް ބަލިވެ އުޅެން ފެށިއެވެ. ގަދައަށް ހުން އައުމާއި ބަރުދަން ލުއިވުން ފަދަ އަލާމާތްތައް ފެންނަން ފެށީ އެ ދުވަސްވަރުއެވެ. 2015 ޖެނުއަރީ ނިމެން އުޅެނިކޮށް، ހާލަތު މާ ބޮޑަށް ގޯސްވެގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓުތަކުން އެނގުނީ އޭނާގެ ހަކުރު ހުރީ 525 ގައެވެ. ބަލި ދެނެގަނެވުނު އިރު އޭނާގެ ބަރުދަން 40 ކިލޯއިން 35 ކިލޯއަށް ވަނީ ލުއިވެފައެވެ.

ޓައިޕް 1 ޑައިބެޓިކްސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އިންސިއުލިން އުފައްދާ ސެލްތައް ހަލާކުކޮށްލުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ މުޅި އުމުރަށް އިންސިއުލިން ޖަހައިގެން ކޮންޓްރޯލް ކުރަންޖެހޭ ބައްޔެކެވެ.

ސިއްރުކުރުމާއި އޮޅުންތަކުގެ ތެރޭގައި
ނަފްހާއަށް މި ބަލި ހުރިކަން އެނގުނު ދުވަސްވަރަކީ އޭނާ އޭ-ލެވެލްގައި ކިޔަވަމުންދިޔަ ދުވަސްވަރެވެ. ބަލީގެ ސީރިއަސްކަން ބޮޑުކަމުން، ނަފްހާގެ ބެލެނިވެރިން އޭނާއަށް އެ ބަލި ހުރިކަން ސިއްރުކުރިއެވެ. އަދި ކުލާސް ކުދިންނަށްވެސް އެކަން އެނގިފައެއް ނުވެއެވެ. ބައްޔާ ބެހޭ އެކަށީގެންވާ މަޢުލޫމާތު ނޭނގޭތީ، ފުރަތަމަ ކޮޅު ނަފްހާ ހީކުރީ މިއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. މި ދުވަސްވަރު ބަލި ރަނގަޅު ކުރުމަށްޓަކައި، މަންމަ އެކި ކަހަލަ ފަތްޕިލާވެލި ބޭނުންކޮށްގެން ބޭސް ތައްޔާރުކޮށްދިން ނަމަވެސް، އޭގެން އެއްވެސް އަސަރެއް ނުކުރިއެވެ.

ފަރުވާގެ ދަތުރާއި ޓެކްނޮލޮޖީގެ އެހީތެރިކަން
ބަލި އެނގުނު ފަހުން ނަފްހާ އައީ ދުވާލަކު ތިން އިރު އިންސިއުލިން ބޭނުންކުރަމުންނެވެ. އަދި ހަކުރު މަތިވާ ވަގުތުތަކުގައި ކަރެކްޝަން އެއްގެ ގޮތުގައިވެސް އިންސިއުލިން ޖަހަން ޖެހެއެވެ. ފުރަތަމަ ކޮޅު އޭނާ ހަކުރު ޓެސްޓު ކުރަމުން ދިޔައީ އާދައިގެ ގްލައިކޯ މީޓަރެއް ބޭނުންކޮށްގެންނެވެ. ނަމަވެސް މިހާރު އޭނާގެ ދިރިއުޅުމަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.

ނަފްހާ މިހާރު ބޭނުންކުރަނީ "މެޑްޓްރޮނިކްސް" ބްރޭންޑްގެ "މިނިމެޑް 780ޖީ" އިންސިއުލިން ޕަންޕެވެ. މިއީ އަތަށް ގުޅާފައި އިންނަ، "ގާޑިއަން 4 ކޮންޓިނިއުސް މޮނިޓަރ" އެއް ހިމެނޭ ޑިވައިސްއެކެވެ. މި ސެންސަރުން ލޭގައި ހަކުރު ހުންނަ މިންވަރު އަބަދުވެސް ބަލައި، ޕަންޕަށް އެ މައުލޫމާތު ފޮނުވައިދެއެވެ. މިއީ "ކްލޯސްޑް ލޫޕް" ސިސްޓަމެއް ކަމުން، ހަކުރު މަތިވާނަމަ އޮޓޯއިން ކަރެކްޝަން ހަދައިދީ، ހަކުރު ދަށްވާނަމަ އިންސިއުލިން ފޮނުވުން ހުއްޓާލައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ޓައިޕް 1 ޑައިބެޓިކްސް މެނޭޖްކުރުން ކުރިއަށްވުރެ މާ ބޮޑަށް ފަސޭހަވެއްޖެއެވެ.

އުންމީދުގެ ދަތުރު: ޑައިބެޓިކް ސޮސައިޓީ
ނަފްހާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގައި ރެޖިސްޓަރީވެ، އެތަނުގެ މެންބަރަކަށް ވީ ހިސާބުންނެވެ. އެތަނުގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ބައްޔާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބި، އަމިއްލައަށް ބަލި މެނޭޖްކުރާނެ ގޮތް ދަސްވިއެވެ. އަދި އޭނާ ފަދަ އެހެން ޓައިޕް 1 ކުދިންނާ ބައްދަލުވުމަކީ ނަފްހާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

" އޭރު ހިތަށްއެރީ މުޅި ދިރިއުޅުން ނިމުނީއޭ. ދެން ކިހިނެއްބާއޭ ވާނީ. މީހަކާ ވާހަކަވެސް ނުދައްކާ ކަމެއްކުރަން ބޭނުން ނުވެފަ އެކަހެރިވެގެން ހަފްތާއެއްވަންދެން އިނިން. އެކަމަކު ދެން  އަނެއްކާވެސް ހިތައް އެރީ މި ބައްޔަކީ ކޮބައިކަން ބަލާނީއޭ. މިކަމުން ނަފް އަރައިގަންނާނަމޭ. އެހެން ވިސަނައިގެން ޑައިބެޓިކް ސޮސަިއޓީ ގެ މައުލޫމާތު ލިބި އެތަނަށް ދިޔައީ." ނަފް ކިޔައިދިނެވެ.

މަސައްކަތުގެ މާހައުލާއި ގޮންޖެހުންތައް
ނަފްހާއަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހުނީ މަސައްކަތުގެ މާހައުލުގައެވެ. ވަޒީފާގެ އިންޓަވިއުތަކަށް ގޮސް އޭނާގެ ހާލަތު ކިޔައިދިނުމުން، ގިނަ ތަންތަނުން ވަނީ އޭނާ ރިޖެކްޓްކޮށްފައެވެ. އަދި ވަޒީފާ އަދާކުރާ ތަންތަނުގައިވެސް ތަފާތުކުރުންތަކާ ކުރިމަތިލާންޖެހެއެވެ. ބައެއް ފަހަރު މަސައްކަތުގައި އުޅެނިކޮށް ހަކުރު ދަށްވެގެން އުޅޭ ވަގުތުތަކުގައި، އެކަށީގެންވާ އެހީތެރިކަމެއް ނުލިބި، އަޅާނުލާ ދޫކޮށްލާފައި ހުންނަ ކަމަށް އޭނާ ފާހަގަކުރެއެވެ.

ނިންމުން
މަރްޔަމް ނަފްހާގެ ވާހަކައިން އެނގިގެންދަނީ، ޓައިޕް 1 ޑައިބެޓިކްސްއާއެކުވެސް އާންމު ދިރިއުޅުމެއް އުޅެވިދާނެ ކަމެވެ. ނަމަވެސް މީގެ ބޭނުމަކީ މުޖުތަމައުއާއި މަސައްކަތުގެ މާހައުލުގައި މިފަދަ ފަރާތްތަކަށް އޮންނަ އިހުތިރާމާއި އެހީތެރިކަން އިތުރުކުރުމެވެ. ބައްޔާ ބެހޭ މައުލޫމާތު ހޯދައި، ރަނގަޅު ޕްލޭނަކާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމަކީ މި ބަލީގެ ގޮންޖެހުންތަކުން އަރައިގަނެވޭނެ އެންމެ ބޮޑު ހައްލެވެ. އުންމީދަކީ ކޮންމެ މީހަކީވެސް މުޖުތަމައުގައި ބަލައިގަންނަ، އެހީތެރިކަން ލިބޭ މީހަކަށް ވުމެވެ.