އިންޑިޔާގެ އާގްރާ އަވަށުގައި އަންހެނަކު އަމިއްލަ އަށް މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ އަމިއްލަ ގަޔަށް ބަޑި ޖަހައިގެންނެވެ. އުމުރުން 30 އަހަރުގެ މޯނާ ދްވިދޭވި ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވި އިރު އޭނާގެ ތުއްތު 2 އަންހެންކުދިން ދުނިޔޭގައި އެބަ ތިއްބެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާގެ މަރުގެ ހަބަރު އެ އަވަށުގެ މީހުންނަށް ވީ ކުއްލި ހައިރާންކަމަކަށެވެ. އަދި ހާއްސަކޮށް އޭނާގެ އަވައްޓެރިންނާއި އޭނާގެ އާއިލާގެ މީހުންނަށް މިކަންވީ ގަބޫލުކުރަންވެސް ދަތި ހަބަރަކަށެވެ. އެއީ އޭނާ އަމިއްލަ އަށް މަރުވާންޖެހޭނޭ އެއްވެސް ކަމެއްގެ ހަބަރެއް ނުވަތަ އިޝާރާތެއްވެސް އޭނާގެ ފަރާތުން ލިބިފައި ނެތުމެވެ. އޭނާގެ އަވައްޓެރިއަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އޭނާއާއި އޭނާގެ ފިރިމީހާ އާ ދެމީހުން އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އަދި އޭނާ އަމިއްލައަށް މަރުވާންޖެހޭ އެއްވެސް ސަބަބެއް އެމީހުންނަށް ނުވިސްނޭ ކަމަށެވެ.

މޯނާ މަރުވެފައި ވަނީ އޭނާގެ ގޭގައެވެ. އެ ސަރަހައްދު ބަލާ ފާސްކުރި އިރު، އޭނާ ލިއެފައިވާ ސިޓީއެއް ފުލުހުންވަނީ ހޯދާފައެވެ. އެއީ 3 ސަފްހާގެ ދިގު ސިޓީއެކެވެ. އެ ސިޓީ އެޑްރެސްކޮށްފައި އޮތީ އިންޑިޔާގެ ބޮޑުވަޒީރު، ނަރަންދުރަ މޯދީ އަށެވެ.

އެ ދިގު ސިޓީގައި އޭނާ ވަނީ އޭނާގެ ހާލަތު ވަރަށް ސާފުކޮށް ކިޔައިދީފައެވެ. ކުރުގޮތަކަށް ބުނާނަމަ އޭނާ ވަނީ އޭނާ އަކީ ގެވެށި އަދި ޖިންސީ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ މީހެއްކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އެކަން ސިއްރު ކުރަނީ މަރުގެ އިންޒާރު ދޭތީކަމަށެވެ. އަދި އޭނާގެ މަރުގެ ޒިންމާ އޭނާގެ ދެ ޅިޔަނުން ނަގަން ޖެހޭނޭ ކަމަށްވެސް އެ ސިޓީގައި އޭނާ ވަނީ ލިއެފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާއިރު، އޭނާގެ ފިރި މީހާ އާއި އޭނާގެ ދެ ޅިޔަނުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އޭނާގެ ތުއްތު ދެ ކުދިން ވަނީ އޭނާގެ އާއިލާ އާއި ހަވާލުކޮށްފައެވެ.

އިންޑިޔާގެ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ ޝިކާރައަށްވާ އަންހެނުން މަދެއްނޫނެވެ. ބޮޑަށް މިކަން ދިމާވަނީ މަސްތުގެ ހާލުގައި ތިބޭ ފިރިން ނުވަތަ އެނޫންވެސް ގާތް މީހުންގެ ފަރާތުންނެވެ. އެފަދަ އެތައް އަނިޔާއެއްގައި އެތަށް އަންހެނުންނެއް އިންޑިޔާގައި ވަނީ މަރުވެފައެވެ.