ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ނިދުމުގެ އާދަކާދައަށް އަންނަ ބަދަލެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ރަމަޟާން މަހު ރޯދަހިފުމަކީ އޭގެ ޒާތުގައި ހަށިގަނޑުގެ "ސާކޭޑިއަން ރިދަމް" ނުވަތަ ބަޔޮލޮޖިކަލް ގަޑިއަށް ބުރޫއަރުވާ ކަމެއް ނޫނެވެ. ނަމަވެސް، މި މަހުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، ކެއިންބުއިމުގެ ވަގުތުތަކަށް އަދި ރޭގަނޑުގެ ހަރަކާތްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިދުމުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ނުވަތަ ސާކޭޑިއަން ރިދަމް ކޮންޓްރޯލް ކުރަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ އަލިކަމަށް ހުށަހެޅޭ މިންވަރާއި، ކެއުމުގެ ވަގުތުތަކާއި، ނިދާ ހޭލާ ވަގުތުގެ އިތުރުން ހަށިގަނޑުން ކުރާ މަސައްކަތްތަކެވެ. ރަމަޟާން މަހު މި ހުރިހާ ކަމަކަށް ބަދަލު އާދެއެވެ. ޚާއްޞަކޮށް ރޭގަނޑު ދަންވަރު ކެއުމާއި، ގިނަ ވަގުތު ހޭލާ ހުރުމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގަޑި ފަސްވެ، ނިދުމުގެ ނިޒާމަށް ބަދަލު އާދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރަމަޟާން މަހު އާންމުކޮށް މީހުން ނިދާ ވަގުތު ގާތްގަނޑަކަށް އެއް ގަޑިއިރު މަދުވެއެވެ. މިގޮތަށް ނިދި މަދުވުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމްއަށް އަސަރުކޮށް، ދިފާއީ ނިޒާމު ބަލިކަށިވުމަށް މެދުވެރިވެދާނެ ކަމެކެވެ.

ނިދުމުގެ އާދަތަކަށް އަންނަ ބަދަލުތަކުގެ ތެރޭގައި، ރޭގަނޑު ނިދަން އޮންނަ ވަގުތު ލަސްވުމާއި ހާރުކެއުމަށްޓަކައި ފަތިހު ހޭލަންޖެހުން ހިމެނެއެވެ. މީގެ ސަބަބުން ދުވާލު ގަޑީގައި ނިދި އައުމާއި، ވަރުބަލިކަން އިހުސާސްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯންތަކަށްވެސް ބަދަލު އާދެއެވެ. ޚާއްޞަކޮށް ނިދި އައުމަށް އެހީތެރިވެދޭ "މެލަޓޮނިން" ހޯރމޯން ދޫކުރާ މިންވަރަށް ބަދަލު އައިސް، ހަށިގަނޑުގެ "ބަޔޮލޮޖިކަލް ނައިޓް" ނުވަތަ އަސްލު ރޭގަނޑުގެ ވަގުތު ފަސްވެގެން ދެއެވެ. މީގެ ސަބަބުން ހަކުރު ބަލި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑުން ކުރާ މަސައްކަތަށް ހުރަސްތަކެއް އެޅިދާނެއެވެ.

ރަމަޟާން މަހު ސިއްހީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި ނިދުމުގެ އާދަތައް ރަނގަޅު ކުރުމަކީ މުހިންމު ކަމެކެވެ. ސައުދީ ޕަބްލިކް ހެލްތު އޮތޯރިޓީން އިރުޝާދު ދޭ ގޮތުގައި، ރޭގަނޑު މަދުވެގެން 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނިދުމަށްފަހު، ދުވާލު ގަޑީގައި 1.5 ގަޑިއިރާއި 2 ގަޑިއިރާ ދެމެދުގެ ވަގުތަކު އަރާމުކޮށްލުމަކީ ބޭނުންތެރި ކަމެކެވެ. އަދި ހާރުގަޑީގައި މާ ގިނައިން ނުކެއުމާއި، ނިދުމުގެ ކުރިން ފޯނާއި ޓީވީ ފަދަ ތަކެތީގެ އަލިން ދުރުހެލިވުމަކީ ނިދީގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ރަމަޟާން މަހުގެ ސިއްހީ ފައިދާތައް އެންމެ ފުރިހަމައަށް ލިބިގަނެވޭނީ ނިދުމުގެ އާދަކާދަތައް ރަނގަޅަށް ތަރުތީބުކޮށްގެންނެވެ. ރޯދަހިފުމާއެކު ފުރިހަމަ ނިދި ލިބުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ، މެޓަބޮލިޒަމް ރަނގަޅުކޮށްދޭނެ ކަމެކެވެ. އެހެންކަމުން، ރޭގަނޑުގެ އަޅުކަންތަކާއި ދިރިއުޅުމުގެ ކަންކަން ރާވާއިރު، ހަށިގަނޑަށް ބޭނުންވާ އަރާމު ލިބޭނެ ގޮތަކަށް ވަގުތުތައް ބެހުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ހަވާލާ: ޕަބްލިކް ހެލްތް އޮތޯރިޓީ އޮފް ކިންގްޑަމް އޮފް ސައުދި އަރަބިއްޔާ (2025).