އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އެ ގައުމުގެ އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުން ހުއްޓާލާފައިވާކަން އިއުލާނުކުރައްވައި، ކުރިން ދެވިފައިވާ ހަމަލާތަކަށް މައާފަށް އެދިވަޑައިގެންފިއެވެ. ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ރައީސް ވިދާޅުވީ، އަވަށްޓެރި ގައުމުތަކުގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާއެއް ނުދޭހާ ހިނދަކު، އެ ގައުމުތަކަށް އީރާނުން ހަމަލާ ނުދޭނެ ކަމަށެވެ.

ޕެޒެޝްކިއަން ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް ކުރިން ހަމަލާދެވުނީ އީރާނުގެ ލީޑަޝިޕަށް އައި ހުސްކަމެއްގެ ސަބަބުން ކަންކަން ރޭވުމުގައި އުޅުނު އޮޅުންތަކެއްގެ ތެރެއިން ކަމަށެވެ. މިދިޔަ ފެބުރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިތުރު އިސްވެރިން އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ސިފައިންނަށް އަމިއްލައަށް ގޮތް ނިންމައިގެން ހަމަލާދިނުމުގެ ބާރު ދީފައި އޮތުމުން މައްސަލަތަކެއް ދިމާވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަށް ވަނަ ދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގައި، އީރާނުން ވަނީ ޔޫއޭއީ، ގަތަރު، އަދި ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ އަމާޒުތަކަށް ޑްރޯން އާއި މިސައިލް ހަމަލާތައް ދީފައެވެ. އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާ ދީފައިވެއެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އީރާނުގެ އިންޓަނެޓްގެ ހިދުމަތް ވަނީ 1 ޕަސަންޓަށް ވެއްޓިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެއްވެސް ޝަރުތަކާ ނުލައި އަމާންދިނުމަށް ގޮވާލައްވާފައެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަމާޒަކީ ދުޝްމަނުން ނައްތާލުން ކަމަށާއި، އަމާން ނުދެނީސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އާންމުން ދިރިއުޅޭ ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭހެން 6،668 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތަކުން ބުންޏެވެ.

އީރާނުގެ ރައީސްގެ މި ނިންމެވުމާއެކު ގަލްފުގެ ގައުމުތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށް މާހިރުން ދެކެއެވެ. ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތައް ކުރިއަށްދާތީ އާއި، އީރާނުން ރައްދު ދިނުމުގައި ދެމިއޮންނާނެ ކަމަށް ބުނެފައިވާތީ، މި މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.