ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންނަނީ ހައިރާންކުރުވަނިވި ކުރިއެރުންތަކެއް ލިބެމުންނެވެ. މިގޮތުން ޖޯންސް ހޮޕްކިންސް މެޑިސިން ގެ ދިރާސާވެރިން މިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން، ފުރަމޭގެ ބަލިތަކުގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން އެ ބަލި ދެނެގަނެވޭނެ އާ ގޮތެއް ހޯދާފައެވެ. މިއީ ބަލިތަކުން ރައްކާތެރިވުމަށާއި، ކުރީބައިގައި ފަރުވާ ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.
މި އާ ހޯދުމަކީ ލޭގެ ތެރޭގައި ދައުރުވާ ޑީ.އެން.އޭ ގެ ކުދި ބައިތަކެއް ސްކޭންކޮށްގެން މަސައްކަތްކުރާ 'ލިކުއިޑް ބަޔޮޕްސީ' އެކެވެ. އާންމުކޮށް ބޭނުންކުރާ ޓެސްޓުތަކާ ހިލާފަށް، މި ސިސްޓަމުން ބަލަނީ ހަމައެކަނި ޑޏާ އަށް އަންނަ ވަކި ބަދަލުތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި، މުޅި ޖީނޯމްގައި ޑޏާ ބައިބައިވެފައި ހުންނަ ގޮތް ނުވަތަ 'ފްރެގްމެންޓޭޝަން ޕެޓާންސް' ތައް އޭއައި މެދުވެރިކޮށް ދިރާސާކުރެއެވެ. މިގޮތަށް ދިރާސާކުރުމުން، އިންސާނާގެ އާންމު ސިއްހަތާ ގުޅޭގޮތުން ފޮރުވިފައިވާ އެތައް މައުލޫމާތެއް ދެނެގަނެވެއެވެ.
ފުރަމޭގެ ބަލިތަކުގެ ތެރޭގައި ހިމެނޭ 'ލިވަރ ފައިބްރޯސިސް' އަދި 'ސިރޯސިސް' އަކީ ގިނަ ފަހަރަށް ބަލި ބޮޑުވެ، ފުރަމޭއަށް ބޮޑެތި ގެއްލުންތަކެއް ލިބެންދެން އެއްވެސް އަލާމާތެއް ނުފެނި ހުންނަ ބަލިތަކެކެވެ. ނަމަވެސް، ޖޯންސް ހޮޕްކިންސްގެ މި އާ ޓެސްޓުގެ ސަބަބުން މިފަދަ ބަލިތައް ވަރަށް ކުރީ މަރުހަލާއެއްގައި ދެނެގަތުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ބަލި މީހާގެ ހަށިގަނޑުން ބޭރުފުށަށް އެއްވެސް އަލާމާތެއް ނުފެންނަނީސް ބަލި ހުރިކަން ދެނެގަނެވޭނެ ނިޒާމެކެވެ.
މިފަދަ ކުރީބައިގައި ދެނެގަނެވޭ ޓެސްޓުތަކުގެ އެންމެ ބޮޑު ފައިދާއަކީ، ބަލި ބޮޑުވުމުގެ ކުރިން ޑޮކްޓަރުންނަށް ފަރުވާ ފެށުމަށް ފުރުސަތު ލިބުމެވެ. މީގެ ސަބަބުން ފުރަމޭގެ ބަލިތައް ކެންސަރަށް ބަދަލުވުން ހުއްޓުވުމަށް ނުވަތަ ކެންސަރުން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ޖޯންސް ހޮޕްކިންސް މެޑިސިންގެ މި ހޯދުމަކީ މުސްތަގުބަލުގައި ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އޭއައި ގެ އެހީގައި މިފަދަ ޓެސްޓުތައް އާންމުވުމުން، ބަލިތައް ކުރީބައިގައި ދެނެގަނެވި، ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެކަން ޔަގީނެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
