އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަވަށްޓެރި ގައުމުތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފައި ވަނިކޮށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫއޭއީއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ރައީސްގެ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ހަމަލާތައް ދީފައިވުމުން، ގަލްފުގެ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުން ވަނީ 16 ބެލިސްޓިކް މިސައިލާއި 121 ޑްރޯން ބޭނުންކޮށްގެން ޔޫއޭއީގެ އަލް ދަފްރާ ބޭސްއަށް ހަމަލާދީފައެވެ. މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އެ ބޭސްގައި ހުރި އެމެރިކާގެ ސެޓެލައިޓް މުވާސަލާތީ މަރުކަޒުތަކާއި، ކުރިން އިންޒާރުދޭ ރޭޑަރުތަކެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް މީހުން މަރުވެ އަދި ޒަހަމްވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މާހިރުން ބުނަނީ އީރާނުގެ އެތެރޭގައި ސިޔާސީ ބޮޑު ކޯޅުމެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން ރައީސް ޕެޒެޝްކިއަން ބޭނުންފުޅުވަނީ އަވަށްޓެރި ގައުމުތަކާއެކު ސުލްހަ ގާއިމުކުރަން ކަމަށް ވިޔަސް، އީރާނުގެ އައިއާރުޖީސީން އަންނަނީ އެމެރިކާގެ އަމާޒުތަކަށް ދޭ ހަމަލާތައް މެދުނުކަނޑައި ކުރިއަށް ގެންދަމުންނެވެ. އައިއާރުޖީސީން ވަނީ އަވަށްޓެރި ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާ ކަމަށް ބުނެ، ނަމަވެސް އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ރައީސްގެ މައާފާއެކުވެސް ހަމަލާތައް ކުރިއަށްދާތީ، އެމެރިކާއިން ދަނީ އީރާނަށް ދޭ ބޮމުގެ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުބާއީ އެއާޕޯޓް ފަދަ ތަންތަނުގެ އޮޕަރޭޝަންތަކަށް ބުރޫއަރާފައިވާއިރު، އިންޓަނޭޝަނަލް މާކެޓްތަކުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
