ދިވެހި މިއުޒިކީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ރަޝީދު (ހާބުރި) ގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، މާލޭގެ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
އުމުރުން 79 އަހަރުގެ ހާބުރި ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޭގެ ވަގުތެއްގައެވެ. އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ ފުއްޕާމޭގައި ފެންހެދުމުގެ މައްސަލައެއް ދިމާވެގެންނެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ކުރިން ވެސް ދުވަސްތަކެއް ވަންދެން އުޅުނީ ބަލިވެ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ހާބުރި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އޭނާގެ ބައްޔާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ދިވެހި މިއުޒިކް އިންޑަސްޓްރީގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ ހާބުރިއަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ހާއްސަ ސްޓައިލަށް ލަވަ ހުށަހަޅައިދޭއިރު، ކިޔާފައިވާ ގިނަ ލަވަތަކަކީ އަމިއްލައަށް ރާގު ހަދައިގެން ނެރެފައިވާ އުފެއްދުންތަކެކެވެ.
މިއުޒިކީ ދާއިރާގައި ހާބުރި ވަނީ ބޮޑުބެރު ޖެހުމާއި ތަފާތު އަލްބަމްތައް ނެރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އުމުރުން ދުވަސްވީ ނަމަވެސް އޭނާގެ އަޑަށް ބަދަލެއް ނާންނަކަން، މީގެ އަހަރުތަކެއް ކުރިން "ޑިންބާ މިއުޒިކް" އާއެކު އޭނާ ކިޔާފައިވާ ރެގޭ ސްޓައިލްގެ ލަވަތަކުން ވަނީ ސާބިތުކޮށްދީފައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އާންމުންނާއި ސަޕޯޓަރުން އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ ކުރަމުންނެވެ.
