ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި މީހަކު މެރުން ފިޔަވައި އެހެން ކުށަކަށް މަރުގެ އަދަބު ދޭން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހެވެ. މި އާ ގާނޫނުގެ ދަށުން، ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެކަމަށް ހުކުމް ކުރުމުންނެވެ.

މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ވަކި މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 350 ގްރާމަށް ވުރެ ގިނަ ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން އެތެރެކޮށްފިނަމަ މި އަދަބު ލިބޭނެއެވެ. މީގެ އިތުރުން ކެނަބިސް އަދި ޑައިމޯފިން ފިޔަވައި، ޖަދުވަލު 1 ގައި ހިމެނޭ އެހެން ބާވަތެއްގެ މަސްތުވާތަކެތީގެ 100 ގްރާމަށް ވުރެ ގިނައިން އެތެރެކުރުމަކީ ވެސް މަރުގެ އަދަބު ދެވޭނެ ކަމެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން މަރުގެ އަދަބު ދިނުމަށް އިއްތިފާގު ނުވާ ހާލަތްތަކުގައި، އެ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭގެ އިތުރުން 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި، އެކަމުގެ ތެރެއިން ނުހައްގުން މުއްސަނދިކަން ހޯދާފައިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން ޑްރަގް އެތެރެކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާ ކުރުމެވެ. ނަމަވެސް މިހާރު އަމަލުކުރަން ފެށި އާ ބަދަލާއެކު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ގާނޫނީ ގޮތުން ވަރަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.