ކޮވިޑް-19 ގެ ދިގު ލޮކްޑައުން ނިންމާލާ ގައުމުތަކުގެ ބޯޑަރުތައް މަޑުމަޑުން ހުޅުވަމުން އަންނަ އިރު، ގައުމުން ބޭރަށް ޗުއްޓީއަށް ދާން ބޭނުންވެފައިތިބި 5 މިލިއަނެއްހާ މީހުންގެ ހިތްތަކަށް ވަނީ ހާސްކަންވެރިވެފައެވެ. އެސްޓްރަޒެނިކާގެ ދަށުން އިންޑިޔާގައި ތައްޔާރުކުރި ކޮވިޝީލްޑް ޖަހައިގެން ތިބި މީހުންނަކީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުންކަމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ބަލައެއް ނުގަނެއެވެ.
އެހެންކަމުން ޔޫރަޕްގެ ގައުމުތަކުގެ ބޯޑަރު ހުރަސް ކުރުމުގައި މިމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެކަމަށް ވަނީ ބެލެވިފައެވެ. މިހާރު ވެކްސިން ފުރިހަމަކޮށްފައިތިބި މީހުނަށް
ޔޫރަޕްގެ ގައުމުތަކަށް އެތެރެވުމަށް ހުރަހެއްނެތެވެ. ނަމަވެސް އެގައުމުތަކުން ގަބޫލުކުރާ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ފައިޒަރ، މޮޑަރނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ އިތުރުން އޮކްސްފޯޑްގެ އެސްޓްރަޒެނިކާއެވެ. އެސްޓްރަޒެނިކާގެ އިންޑިޔާ ވެކްސިންކަމަށްވާ ކޮވިޝީލްޑް މީގެ ތެރޭގައި ނުހިމެނެއެވެ. އިންޑިޔާ ވެކްސިން ޔޫރަޕްގެ ގައުމުތަކުން ބަލައި ނުގަންނަނީ އިންޑިޔާގައި އެ ވެކްސިން އުފައްދާ ފަރާތުން، ޔޫރަޕަށް މި ވެކްސިން ދިނުމަށް ލައިސަންސް ހޯދާފައި ނެތުމުންނެވެ.
