އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ފޭދޫއާ ކައިރިން ބޭރުގައި އޮތް ސަފާރީއެއްގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތާއި އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ސަފާރީއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ސިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ މި ހާދިސާގެ އިތުރު ތަފުސީލުތައް ސާފުކުރަމުންނެވެ.
