ކަނޑުމަގުން ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 5 ވަނަ ދުވަހު މާލޭ ކޮމަރޝަލް ހާބަރުންނެވެ. މި ޝިޕްމަންޓުގައި ޖުމްލަ 99,000 ސިނގިރޭޓް ސްޓިކް ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ފަހަކަށް އައިސް ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ވޭތުވެދިޔަ ދޮޅުމަސް ދުވަހުގެ ތެރޭގައި އެކަނިވެސް، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 2 މިލިއަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ސިއްހަތަށް ގެއްލުންހުރި ބާވަތްތައް މަދުކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ސިނގިރޭޓް ފަދަ ތަކެތި އެތެރެކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ގަވާއިދާ ހިލާފަށް މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުން ހިމެނެއެވެ.